ޒުވާނުންނާ ގުޅޭ ކަންތައްތަކުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުވަން އުފައްދާފައިވާ ބޯޑުގެ މެމްބަރު އަބްދުﷲ މާހިލް ޝަހީމް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެއަށް ވަގަށް ގިނަ އަދަދެއްގެ ވޭޕް އެތެރެކުރަން އުޅުނު މައްސަލަ ފެންމަތިވުމާ ގުޅިގެން އެ ބޯޑުގެ މެމްބަރުކަމުން އޭނާ މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
"ޔޫތު އެޑްވައިޒަރީ ބޯޑް"އަށް މާހިލް އައްޔަނުކުރެއްވީ 12 އޮގަސްޓު 2024 ގައެވެ.
މިދިޔަ އަހަރު އޮގަސްޓް މަހު އެ ބޯޑަށް އައްޔަންކުރެއްވި މާހިލް, މިއަދު ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައިވަނީ ތައުލީމު ހާސިލުކުރައްވައި ނިންމެވުމަށް ފަހު ގައުމަށް ޚިދުމަތް ކުރައްވާނެ ކަމަށެވެ.
އިސްތިއުފާއާ ގުޅޭ އިތުރު ތަފުސީލެއް އޭނާ ނުދެއްވައެވެ.
ޒުވާނުންގެ ކަންކަމުގައި ރައީސަށް ލަފާ އަރުވާ ބޯޑުން މާހިލް އިސްތިއުފާ ދެއްވާފައި މިވަނީ ރާއްޖެއަށް އެތެރެކޮށް, ބޭނުންކުރުން ވެސް މިސަރުކާރުން މަނާކޮށްފައިވާ ވޭޕް ސާމާނުތަކެއް, އޭނާ މިދިޔަ ބުރާސްފަތި ދުވަހު މެލޭޝިއާއިން ރާއްޖެއައިރު ގެނައި ލަގެޖުން ފެނި, ޖޫރިމަނާކޮށްފައިވަނިކޮށެވެ.
