ޝަރަފުވެރިކަމުގެ ގައުމީ އިނާމު ތިން ބޭފުޅަކަށް އަރުވައިފި

ޝަރަފުވެރިކަމުގެ ގައުމީ އިނާމު، ތިން ބޭފުޅަކަށް މިއަދު އަރުވައިފިއެވެ.

ސަރަފުވެރިކަމުގެ ގައުމީ އިނާމް އެ ބޭފުޅުންނަށް އެރުވީ ރާއްޖޭގެ ގައުމީ ދުވަސް ފާހަގަ ކުރަން ހއ. އުތީމުގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މި އިނާމް ލިބިވަޑައިގެންނެވީ އިސްލާމް ދީނަށް އާންމުން ހޭލުންތެރިކުރުވުމުގައި އިސް ދައުރެއް އަދާކުރެއްވި ފަޟީލަތުއްޝައިޚް އިސްމާއިލް މުހައްމަދަށާއި އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މައުރޫފް ޖަމީލަށާއި މި ފަހުން ދުނިޔެ ދޫކުރި މަޝްހޫރު ލަވަ ކިޔުންތެރިޔާ މުހައްމަދު މާޖިދު (މެޒޯ) އަށެވެ.

އެ ޖަލްސާގައި ރައީސް ވަނީ އެ ތިން ބޭފުޅުންނަށް ޝަރަފްގެ އައްޑަނަ އާއި ޝަރަފްގެ ބެޖާއި، ހަނދާނީ ލިއުން ދެއްވައިފައެވެ.

އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި ދީނަށް ހިދުމަތްކުރުމާއި ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ އެވޯޑް ލިބިވަޑައިގެން ޝައިހް އިސްމާއީލް މުހައްމަދަކީ ރާއްޖޭގައި ދީނީ އިލްމު ފެތުރުމަށްޓަކައި ވަރަށް ފުޅާދާއިރާއެއްގައި މަސައްކަތް ކުރައްވާފައިވާ އަދި ރާއްޖެއިން ބޭރުގައި ދީނީ ރޮނގުން މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ދިވެހި އެތަށް ދަރިވަރުންނަކަށް ހޯއްދަވާދެއްވާފައިވާ ބޭފުޅެކެވެ. އަދި ދީނީ އެކިއެކި ފޮތްތައް ދިވެހި ބަހަށް ތަރުޖަމާކުރައްވައި މިހާރު ވެސް އެ މަސައްކަތުގައި ދެމިހުންނެވި ބޭފުޅެކެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެން ޝެއިހް އިސްމާއީލް މުހައްމަދުގެ އެވޯޑަށް އެ ބޭފުޅާގެ ދަރިކަލުން ހަވާލުވެވަޑައިގަތުން– ފޮޓޯ: ރައީސް އޮފީސް

ޝެއިހް އިސްމާއީލް މުހައްމަދަކީ ދިވެހި ގިނަ ދަރިވަރުންތަކަށް އިސްލާމްދީން އުނގަންނައިދެއްވި މޮޅު އުސްތާޒެކެވެ. އިލްމުވެރި ގަލަންކޮޅެއްގެ މުސައްލިފެކެވެ. މާލީ ގޮތުންނާއި ވަސީލަތުގެ ގޮތުން އަގުނުކުރެވޭފަދަ ހިދުމަތްތައް ފޯރުކޮށްދެއްވި މަދަދުވެރިއެކެވެ. ބައި ގަރުނަށްވުރެ ގިނަ ދުވަހު ދީނީ ހޭލުންތެރިކުމުގެ މަސައްކަތަށާއި އިސްލާމީ އިލްމު ފެތުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ.

އިމާރާތް ކުރުމާއި، އިމާރާތް ފަރުމާކުރުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ އެވޯޑް ލިބިވަޑައިގެން މައުރޫފްއަކީ ރާއްޖޭގައި އިމާރާތްކުރުމާއި އިމާރާތް ފަރުމާކުރުމުގެ ދާއިރާއިން ވަރަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ އަދި މިހާރު އެ ހިދުމަތުގައި ދެމިހުންނެވި ތަޖުރިބާކާރު ބޭފުޅެކެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމާ މައުރޫފް ހަވާލުވަޑައިގަންނަވަނީ– ފޮޓޯ: ރައީސް އޮފީސް

މައުރޫފަކީ ކުރައްވާ ކޮންމެ ކަމެއް ވެސް އިހުލާސްތެރިކަމާއެކު ކުރައްވާ ރައްޔިތުންގެ އިހުތުރާމާއި ލޯބި ހޯއްދަވާފައިވާ ބޭފުޅެކެވެ. މައުރޫފަކީ އާޓިޓެކްޗާ ޓީޗިން އަދި މެނޭޖްމެންޓްގެ ދާއިރާގައި 40 އަހަރަށްވުރެ ގިނަ ދުވަސް މަސައްކަތްކުރައްވާފައިވާ ގިނަ ގުނަ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

އަދި އޭނާއަކީ އާޓިޓެކްޗަލް ތަރިކައިގެ ފުންނާބު އުސް މާހިރެއްގެ އިތުރުން ކޮރަލް ސްޓޯން އާޓިޓެކްޗަލް ދާއިރާއިން ދުނިޔޭއިން ފާހަގަކޮށްލެވޭ ބޭފުޅެކެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެން މަރުހޫމް މުހައްމަދު މާޖިދުގެ އެވޯޑާ އޭނާގެ ދަރިކަނބަލުން ހަވާލުވެވަޑައިގަތުން– ފޮޓޯ: ރައީސް އޮފީސް

ޕާފޯމިން އާޓްސްގެ ދާއިރާއިން އެވޯޑް ލިބިވަޑައިގެން މެޒޯއަކީ މުއިޒިކްގެ ދާއިރާގައި ދިގު މުއްދަތެއް ހޭދަކުރެއްވިއިރު ހާއްސަ ގޮތެއްގައި ފާހަގަކޮށްލެވެނީ މެޒޯ ބޭންޑްގެ ނަމުގައި ބޭންޑެއް އުފައްދައިގެން އަމިއްލަ އުފެއްދުންތަކެއް ނުރެއްވަމުން ގެންދިޔަ ބޭފުޅެކެވެ.

ޕާފޯމިން އާޓްސްގެ ދާއިރާއިގެ ލަވަކިއުމާއި މިއުޒިކްގެ ރޮނގު 2010 ވަނަ އަހަރު ހިތްވަރު ދިނުމުގެ ގައުމީ އިނާމާއި 2022 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ ޓޫރިޒަމް ގޯލް އެވޯޑް ވެސް މެޒޯ ވަނީ ހާސިލް ކުރައްވާފައެވެ. މެޒޯގެ އަމިއްލަ ރާގުގެ ލަވަތައް ވަރަށް ބޮޑަށް މަޝްހޫރުވެގެން ގޮސްފައިވެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *