އާއިލާތަކުގެ މެދުގައި ލޯތްބާއި ކުލުނު ދަހަމަހައްޓައިދިނުމުގައި މާމައިންނާއި ކާފައިންނަކީ އިލާހީ ރަހުމަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ މާމައިންނާއި ކާފައިންގެ ދުވަހުގެ މުނާސަބާގައި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ވިދާޅުވީ، މި އުފާވެރި ދުވަހު އެމަނިކުފާނުގެ ހިތުގެ އިޚްލާޞްތެރި ހެޔޮ ދުޢާތައް ވަނީ، ދިވެހި ކޮންމެ މާމައަކާއި ކާފަޔަކާއެކުގައި ކަމަށެވެ.
ރައީސް މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވެސް ވަނީ މާމަ ކާފަ ދުވަހުގެ ހެޔޮ އެދުންތައް ދިވެހި މާމައިންނާއި ކާފައިންނަށް ފޮނުއްވައިފައެވެ
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ މެސެޖްގައި ޢާއިލީ ގުޅުންތައް ދަމަހައްޓައި، ލޯތްބާއި އޯގާތެރިކަމުން ފުރިގެންވާ މުޖްތަމަޢެއް ބިނާކުރުމުގައި ކޮންމެ މާމައަކާއި ކާފައެއްގެ ދައުރު ނުހަނު ބޮޑުކަމަށް ވިދާޅުވިއެވެ. އަދި އެކަމަނާގެ ހިތުގެ އިޚްލާޞްތެރި ހެޔޮ ދުޢާތަކާއެކު، މި އުފާވެރި ދުވަހުގެ ހެޔޮ އެދުންތައް ދިވެހި މާމައިންނާއި ކާފައިންނަށް ފޮނުއްވާފައިވެއެވެ.
ޤައުމީ މާމަ، ކާފައިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ސެޕްޓެންބަރު މަހުގެ 1 ވަނަ ދުވަހެވެ. ޤައުމީ މާމަ، ކާފައިންގެ ދުވަހެއް ކަނޑައަޅައި އެދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ދޮށީ އުމުރުގެ މީހުން ޤައުމަށާއި އެމީހުންގެ އާއިލާއަށް ކޮއްދެއްވާ ޚިދުމަތްތައް ފާހަގަކޮށް އެމީހުންގެ އަގު ވަޒަންކުރުމެވެ.
