ފަލަސްތީނުގެ މައްސަލަ ހައްލުކޮށް މިނިވަން ދައުލަތެއް ގާއިމު ކުރުމާ ގުޅޭ ގޮތުން އދ. ގެ އާންމު މަޖިލިހުން ފާސް ކުރި ގަރާރަކީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ފާސްކުރި މުހިންމު ގަރާރެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ސުލްހަވެރިގޮތުގައި ފަލަސްތީނުގެ މައްސަލަ ހައްލުކުރުމާއި ދެ ދައުލަތުގެހަޙައްލު ތަންފީޒުކުރުމާގުޅޭ ގަރާރު "ނިއުޔޯކް ޑެކްލެރޭޝަން" މިއަދު ވަނީ އދ. ގެ އާންމު މަޖިލީހުގައި ފާސްކޮށްފައެވެ
ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކްސް އެކައުންޓްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވަނީ، ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ޤާއިމްކުރުމަށް ދިވެހިރާއްޖެއިން ގޮވާލަމުންދާ ގޮވާލުން ތަކުރާރުކުރައްވައި، މިފަދަ ކަންކަމަކީ ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތަކަށް ވަކާލާތުކުރުމަށް ގުޅިގެން ބައިނަލްއަޤްވާމީ ފެންވަރެއްގައި މަސައްކަތްކުުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއްކަމުގައި ވިދާޅުވެފައިވެއެވެ.
އަދި، އިރުމަތީ ޤުދުސް ހިމެނޭގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަކީ ރާއްޖެއިން އަބަދުވެސް ވަކާލާތުކުރަމުންދާކަމެއް ކަަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހިރާއްޖެއިން ދަނީ މިނިވަން ދެދަޢުލަތެއް ޤާއިމްކުރުމަށް ބައިނަލްެއަޤްވާމީ ފެންވަރެއްގައި މަސައްކަތްކޮށް، ފަލަސްޠީނު ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކޮށް، އަޑުއުފުލަމުންނެވެ.
