އައްޑޫގެ ރަށްރަށުގައި ވަކި ކައުންސިލްތައް އުފެއްދުމާމެދު ފެންނަ ނުފެންނަ ވޯޓެއް ނަގަނީ

އައްޑު އަތޮޅުގެ ހުރިހާ ރަށެއްގައި ވަކި ކައުންސިލްތަކެއް އުފެއްދުމާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ސަރުކާރުން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

"ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އައްޑޫ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގަން ބޭނުންވަނީ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އައްޑޫގެ ބައެއް ރަށްރަށުން އެގޮތަށް އެދިފައިވާކަމަށެވެ. އެހެންކަމުން އެކަމާމެދު ގޮތެއް ނިންމަވައިދެއްވަން އެމަނިކުފާނު ވަނީ ވައުދުވެވަޑައިގެންފައެވެ.

ފެންނަ ނުފެންނަ ވޯޓާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އައްޑޫގައި ނަގާ މިވޯޓު ވެގެންދާނީ، ތާރީޚީ ވޯޓަކަށްކަމަށެވެ. އިއްޔެ ތަސްދީގުކުރެއްވި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލާއެކު މިއީ ޤާނުނުގެދަށުން ނަގާ ފުރަތަމަ ވޯޓަށް ވެގެންދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އައްޑޫ ސިޓީއެއްގެ ގޮތުގައި އެއް ކައުންސިލެއްގެ ބެލުމުގެދަށުން ހިންގަމުންދާތީ އެކަމުގައި އެސިޓީގެ އެކި ރަށްތަކުގެ ރައްޔިތުންގެ ޚިޔާލު ތަފާތުވުންތަކެއް ހުރިކަމަށެވެ. ގިނަ ރަށްތަކެއްގެ މައްޗަށް ސިޓީ އެކުލެވިގެންވުމާއެކު، އެއް ހަމައަކުން ޚިދުމަތްތައް ލިބުމުގައި އެކި ރަށްތަކުގެ ތަފާތުތައް ހުރިކަމުގެ ޝަކުވާ ލިބެމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިކަމާމެދު ރައްޔިތުން ބޭނުންވާގޮތެއް ނިންމުމަށް، އެކަމުގައި އައްޑޫގެ ހުރިހާ ރަށްތަކުގައި ފެންނަ ނުފެއްނަ ވޯޓެއް ނެގުމަށް ނިންމާފަވާކަމަށެވެ. އަދި އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބު ކުރިން، އެކަމާމެދު ގޮތެއް ނިންމަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އައްޑޫ ލާމަރުކަޒުކުރާނެގޮތް ނިންމާނީ އެސިޓީގެ ރައްޔިތުންކަމަށާއި، މިހާ ބޮޑު ނިންމުމެއް ރައްޔިތުންގެ ޚިޔާލަށް ނާހާ ނުނިންމާނެކަމަށެވެ. ފެންނަ ނުފެންނަ ވޯޓެއްގެ ސަބަބުން އައްޑޫގެ ކައުންސިލްތަކަށް އަންނާނެ ބަދަލު ރައީސް ވަނީ ތަފްސީލްކޮށްދެއްވާފައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *