އޮމަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން އާރުޑީސީއާ ހަވާލުކޮށްފި

ތ. އޮމަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ޙަވާލުކޮށްފިއެވެ.

އޮމަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ޙަވާލުކުރުން އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އޮމަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވެވި ޖަލްސާގައެވެ.

އޮމަދޫ މަގު ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް އަދި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމް އެވެ.

ރައީސުލްޖުމްހޫރިއްޔާ އޮމަދޫއަށް ކުރެއްވި ދަތުރުފުޅުގައި މިއަދު ވަނީ އެރަށުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައި، އެރަށުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައެވެ.

ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެރަށަށް އެންމެ ބޮޑުވެފައިވާ މައްސަލަ ކަމަށްވާ ފެނާއި ނަރުދަމާގެ މަސައްކަތް ވަރަށް ބޮޑަށް ލަސްވެފައިވާ ކަމަށެވެ. އެ މަޝްރޫޢު ހިންގަން ހަވާލުވި އަމިއްލަ ކުންފުންޏަކުން ކަމަށާއި، މިދިޔަ ދުވަސްތަކުގައި ސަރުކާރުގެ ފަރާތުން އެ ކުންފުންޏަށް ދައްކަންޖެހޭ ފައިސާ ޙަވާލުކޮށްފައިވާނެ ކަމަށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *