ޕޭ ހާމަނައިޒޭޝަން ގެ ތެރެއިން ބޮޑުނުކުރާ ހުރިހާ މުވައްޒަފުންގެ މުސާރަ ނޮވެންބަރުން ފެށިގެން ބޮޑުކުރަނީ

ޕޭ ހާމަނައިޒޭޝަން ގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑުވެފައިނުވާ ސިވިލް ސާރވިސް ހުރިހާ މުވައްޒަފުންނާއި، ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ މިއަހަރުގެ ނޮވެމްބަރު 1 ގައި ހާމަނައިޒް ކުރެވި، މުސާރަ ބޮޑުވާނޭކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ހާމަކުރައްވައިފިއެވެ.

އަންނަ ނޮވެންބަރު މަހުން ފެށިގެން އެ ވައުދުފުޅު ފުދިގެންދާނެކަން އިއުލާނުކުރައްވަމުން އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދައުލަތުގެ މުވައްޒަފުންގެ ޕޭ ހާމަނައިޒްކުރުމަށް ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ނޮވެންބަރު އެއްވަނަ ދުވަހުން ފެށިގެން މިހާތަނަށް މުސާރަ ބޮޑުވެފައިނުވާ ސިވިލް ސާވިސް ހުރިހާ މުވައްޒަފުންނާއި، ޖުޑީޝަރީގެ ހުރިހާ މުވައްޒަފުންގެ އިތުރަށް ކައުންސިލުތަކުގެ މުވައްޒަފުންގެ މުސާރަ ޕޭ ހާމަނައިޒްކުރެވި ބޮޑުވާނެ ކަމަށެވެ.

އޭގެ އިތުރަށް އެމަނިކުފާނު ފާހަގަކުރެއްވީ މި ފަރާތްތަކުގެ މުސާރަ  މި އަހަރު ބޮޑުވާނެކަން ރިޔާސީ ބަޔާނުގައި އެމަނިކުފާނު އިއުލާނުކުރެއްވި ކަމެވެ. އިތުރަށް ވިދާޅުވީ ކުރިންވެސް އެމަނިކުފާނު ވިދާޅުވެފައިވާ ފަދައިން މި އަހަރު މުސާރަ ބޮޑުނުވާ މުއައްސަސާތަކުގެ މުވައްޒަފުންގެ މުސާރަ 2026 ވަނަ އަހަރު ޕޭ ހާމަނައިޒްކުރެވި ބޮޑުވެގެންދާނެ ކަމަށެވެ.

ޕޭ ހާމަނައިޒްކުރުމަށް ފަށާފައިވާ މަސައްކަތަކީ ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި ހުރި އުޖޫރައިގެ ފަރަގު ނައްތާލައި އެއްހަމަކުރުމާއެކު، ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ޒަމާނާއެކު އައިސްފަައިވާ ބަދަލުތަކާ އެއްހަމަވާނެ ގޮތަށް ބަދަލުކުރުމަށް ފަށާފައިވާ މަސައްކަތެކެވެ.

މި މަސައްކަތުގެ ތެރެއިން ޑޮކްޓަރުންނާއި ނަރުހުން ހިމެނޭހެން ސިއްހީ ދާއިރާގެ ހިދުމަތްތެރިންނާއި، ޓީޗަރުންނާއި، ފުލުހުންނާއި ސިފައިންގެ މުސާރަތަކަށް ބަދަލު ގެެސް ބޮޑުކޮށްފައިވެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *