އިންފޯސިސްގެ ބާނީ ނަރަޔަން މުރްތީގެ ދަރިކަނބަލުން އަދި އިނގިރޭސިވިލާތުގެ ޗާންސެލަރ އޮފް ދަ އެކްސްޗެކަރ ރިޝީ ސުނާކްގެ އަންހެނުން އަކްޝަތާ މުރްތީ އަކީ އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދެވަނައަށް ވުރެ މުއްސަނދި މީހެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. ގާޑިއަންގައި ޝާއިއުކުރި ރިޕޯޓެއްގައިވާ ގޮތުން މުރްތީގެ ބައްޕަގެ ޓެކް ޖަޔަންޓްގެ 480 މިލިއަން ޖީބީޕީގެ ހިއްސާ އޮތްއިރު އެއީ ރާނީގެ މުއްސަނދިކަމަށް ވުރެ 100 މިލިއަން ޖީބީޕީ އިތުރު އަދަދެކެވެ. ރާނީ އަވަހާރަވުމުގެ ކުރިން ޝާއިއު ކުރެވުނު ރިޕޯޓެއްގައި ރާނީ އެލިޒަބަތުގެ އަމިއްލަ މުއްސަނދިކަމަކީ ގާތްގަނޑަކަށް 350 މިލިއަން ޕައުންޑެވެ.
ގާޑިއަންގެ ދިރާސާތަކުން ދައްކާ ގޮތުގައި މުރްތީ އާއި އޭނާގެ އާއިލާގެ އެހެން ގިނަ މަސްލަހަތުތަކެއް ހިމެނޭ އެމެޒޯންއާ އެކު އަހަރަކު 900 މިލިއަން ޖީބީޕީގެ ޖޮއިންޓް ވެންޗާއެއް "މުރްޓީގެ ބައްޕަގެ އިންވެސްޓްމަންޓް ވެހިކަލެއް މެދުވެރިކޮށް" ހިމެނެ އެވެ. އިންފޯސިސްގެ އަހަރީ ރިޕޯޓުގައިވާ ގޮތުން އަކްޝަތާ މުރްތީގެ 0.91 ޕަސެންޓް ހިއްސާ އޮތީ އެ ގްރޫޕްގައެވެ. އެ ހިއްސާގެ އަގަކީ މިވަގުތު 430 މިލިއަން ޖީބީޕީ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އިންފޯސިސް އާއި އެމެޒޯން އިންޑިއާ ފިޔަވައި އިނގިރޭސިވިލާތުގެ އިތުރު ހަ ފާމަކާއި ހޯލްޑިންގްސްއެއްގައި މުރްތީގެ ހިއްސާތައް ހާމަނުކުރާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. އޭނާގެ ފިރިމީހާ ރިޝީ ސުނާކް މިހާރުވެސް ހުންނެވީ މާލީބަޔާންތައް ހިއްސާކުރަން މަޖުބޫރުވެވަޑައިގެންފައިވާ ހާލަތެއްގައެވެ. އެއީ އިނގިރޭސިވިލާތުގެ ގާނޫނަކުން ވަޒީރުންގެ ޒާތީ އަދި އާއިލީ ހުރިހާ މާލީ ތަފްސީލެއް އާންމު ކުރުމަށް އެދިފައިވާ ގާނޫނެއްގެ ސަބަބުންނެވެ. ނަމަވެސް ސުނާކްގެ މާލީ ތަފްސީލުން ހާމަވި ގޮތުގައި އޭނާގެ އަންހެނުން، އަކްޝަތު މުރްތީ އަކީ ހަމައެކަނި އިނގިރޭސިވިލާތުގައި ހުންނަ ކެޓަމަރަން ވެންޗާސް ކިޔާ ކުޑަ ކުންފުންޏެއްގެ ވެރިއެކެވެ.
