މި މަހު ޤަތަރުގައި ފަށާ ވޯލްޑް ކަޕުގައި އަނިޔާގެ ސަބަބުން ޔުވެންޓަސަށް ކުޅޭ ފްރާންސް ގެ ތަޖުރިބާކާރު މިޑްފީލްޑަރު ޕައުލް ޕޮގްބާއަށް ނުކުޅެވޭނެ ކަން މިހާރުވަނީ ޔަގީންކުރެވިފައެވެ. ޕޮގްބާ އަށް އަނިޔާވެފައި ވަނީ މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް ޔުވެންޓަސްއަށް މި ސީޒަނުގައި ބަދަލުވެ ސީޒަނަށް ތައްޔާރުވުމަށް ކުޅުނު އެކުވެރި ކަމުގެ މެޗެއްގެ ތެރެއިންނެވެ.
ޕޮގްބާގެ އެޖެންޓް ރަފައެލާ ޕިމެންޓާއާ ހަވާލާދީ ފްރާންސްގެ މީޑިއާތަކުގައި ބުނެފައިވަނީ ޕޮގްބާ އަށް ލިބުނު އަނިޔާގެ ސަބަބުން ތިން ހަފްތާ އަށް ކުޅުމާ ދުރަށް ދާން ޖެހޭނެ ކަމަށެވެ. އެހެންކަމުން ވޯލްޑް ކަޕުން ޕޮގްބާ ފެނުމުގެ ހުރިހާ ދޮރެއް މިހާރު ބަންދުވެފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
ޕޮގްބާގެ ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން އޮޕަރޭޝަންކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ. އަދި ރިކަވަރީގެ ފުރަތަމަ މަރުހަލާ އަށް ފަހު، މީގެ 10 ދުވަސް ކުރިން ޕޮގްބާ ޔުވެންޓަސްގެ ފަރިތަކުރުންތަކުގައި ވެސް ބައިވެރިވިއެވެ.
ފްރާންސް މުބާރާތުގެ ފުރަތަމަ މެޗް އޮތީ އަންނަ މަހު 22 ގައި އޮސްޓްރޭލިއާއާ ދެކޮޅަށެވެ. އޭނާ އަކީ ފްރާންސް އިން 2018 ވަނަ އަހަރުގެ ވޯލްޑަކަޕް ކާމިޔާބުކުރި ޓީމުގައި ވެސް މުހިންމު ރޯލެއް އަދާ ކުރި ކުޅުންތެރިޔެކެވެ. ޕޮގްބާގެ އިތުރުން ފްރާންސްގެ މެދު ތެރޭގައި އެންމެ މޮޅު ކުޅުމެއް ދައްކާ އެންގޯލޯ ކާންޓޭ އަށް ވެސް ވޯލްޑް ކަޕްގައި ނުކުޅެވޭނެއެވެ.
ޕޮގްބާ އެންމެ ފުރަތަމަ ފްރާންސް ޓީމަށް މެޗެއް ކުޅުނީ 2013 ވަނަ އަހަރުއެވެ. އޭނާ އެންމެ ފުރަތަމަ ކުޅުނު ބޮޑު މުބާރާތަކީ 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕެވެ.
