ކީރިތި ގުރުއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖައިގައި ފާސްވި 13 ހާފިޒަކަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މެޑަލް ރޭ އަރުވައިފި އެވެ.
ހާފިޒުންނަށް މެޑަލް ދެއްވާފައި ވަނީ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ޚާއްޞަ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
ކީރިތި ގުރުއާން ހިތުދަސްކޮށް، އެއް ވަނަ ދަރަޖައިގައި ފާސްވާ ހާފިޒުންނަށް ހާއްސަ މެޑަލް ދެއްވަން ފެއްޓެވީ މި ސަރުކާރުން 2020ވަނަ އަހަރުން ފެށިގެންނެވެ.
އެ ޖަލްސާގައި އިއުލާނުކުރި ގޮތުން ނަމަ، ބ. ހިތާދޫ ކުއްޖެއް ކަމަށްވާ އަމަން އަހުމަދު އާތިފަކީ މި އަހަރު އެ މެޑަލް ހާސިލްކުރި 13 ހާފިޒުންގެ ތެރެއިން އެންމެ ހަގު ކުއްޖާ އެވެ.
ކުޑައިރުއްސުރެ ގުރުއާނަށް ޝައުގުވެރިކަން ހުންނަ އަމަން ގުރުއާން ހިތުދަސްކޮށްފައިވަނީ އެއް އަހަރުގެ ތެރޭގަ އެވެ.އަޙްމަދު ޢާޠިފަކީ، ވަރަށް ކުޑައިރުއްސުރެން ފެށިގެން، ކީރިތި ޤުރްއާން އަޑުއެހުމަށް ވަރަށްބޮޑު ޝައުޤުވެރިކަމެއް ދެމުން އައި ކުއްޖެކެވެ. ޤުރްއާން ހިތުދަސްކުރުމުގެ ހުނަރު އަމަންގެ ކިބައިގައި ހުރިކަން މައިންބަފައިންނަށް ފާހަގަކުރެވިގެން، އުމުރުން 5 އަހަރުގައި ޤުރްއާން ދަސްކޮށްދިނުމުގެ މަސައްކަތް ގޭގައި ފެށިއެވެ. 2021 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި، އުމުރުން 6 އަހަރުގައި ގޭގައި ޤުރްއާން ހިތުދަސްކޮށް ނިންމުމަށްފަހު، އެކްސެލް އިންޓަރނޭޝަނަލް ސްކޫލްގައި، ކީރިތި ޤުރްއާން މުރާޖަޢާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ. މުރާޖަޢާ ކުރުމުގެ މަސައްކަތް، ކީރިތި ޤުރްއާނާބެހޭ މަރުކަޒުގައި ކުރިއަށް ގެންގޮސްފައިވަނީ އޮގަސްޓު 2021 އިން ފެށިގެން މޭ 2022ގެ ނިޔަލަށެވެ. އަމަން އަޙްމަދު ޢާޠިފް، ޙާފިޡް ކަމުގެ ސަނަދު ހާސިލުކުރީ 4 އޮކްޓޫބަރު 2022 ގައެވެ.
އެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އަށް އަހަރުގައި ގުރުއާން ހިތުދަސް ކުރި އަމަން އަކީ މި އަހަރުގެ ޖުމްހޫރީ ދުވަހު ގައުމަށް ލިބުނު އެންމެ އަގުބޮޑު ހަދިޔާ ކަމަށެވެ.
ކީރިތި ގުރްއާން ހިތުދަސްކޮށް އެއްވަނަ ދަރަޖައިގައި ފާސްވި ހާފިޒުން:
1. އާވެލި/ ސ. ހިތަދޫ، ފާތިމަތު ފައުޒިއްޔާ
2. މަތިމަރަދޫ، މާލަމް/ ލ. ގަން، ޝިފާ ބިންތު އަބްދުﷲ ހަމީދު
3. ދިގުވާނޑު، އަނޯވާ/ ޏ. ފުވައްމުލައް، ހޫދު މުހައްމަދު އަލީ
4. މިސްކިތްމަގު، މާވޭދެ/ ޏ. ފުވައްމުލައް، މުހައްމަދު އަނީސް ހުސައިން
5. މާލެގަން، މާވިނަ/ ޏ. ފުވައްމުލައް، ސަފިއްޔާ އަލީދީދީ
6. އިތާމުތްގެ/ ސ. ހިތަދޫ، މުހައްމަދު ފަލާހު ސޯލިހު
7. ގ. ރައިހާނުގެ/ އަބްދުﷲ ބިން އިމްޖާދު
8. ރޯޒްބޯލް/ ސ. ހިތަދޫ، ފާތިމަތު ހަސަން
9. ކަށިމާގެ/ ސ. މަރަދޫ، މުހައްމަދު އައިދިން ނަޖުމީ
10. ދިލްކަޝްވިލާ/ ގދ. ހޯނޑެއްދޫ، އަބްދުލްބާސިތް ސަލީމް
11. ދަފްތަރު ނަންބަރު 011/ ނ. ވެލިދޫ، އައްމާރު ބިން އިބްރާހީމް
12. ކުރިބޯށި/ ސ. ފޭދޫ، މަރިޔަމް ނައިސަމް ސައީދު
13. ޑޭޒީމާގެ/ ބ. ހިތާދޫ، އަމަން އަހުމަދު އާތިފް
