ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ބޭއްވި ރިޔާސީ ބަހުސްގައި ގައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކޮށް ދެއްވަން ރިޔާސީ ކެންޑިޑޭޓުން ގެންގުޅުއްވާނެ ސިޔާސަތުތައް ރައްޔިތުންނާއި ހިއްސާކޮށްފިއެވެ.
ގައުމީ ޔުނިވަރސިޓީގެ އެހީތެރިކަމާއެކު، ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމް އާއި ސަންގު ޓީވީން ބޭއްވި ބަހުސްގައި އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ 8 ކެންޑިޑޭޓުންވެސް ބައިވެރިވަޑައިގެންނެވިއެވެ.
މިރޭގެ ބަހުސް ދިޔައީ ވަރަށް ވާދަވެރިކޮށެވެ. އަދި ވަނީ ތަފާތު ދާއިރާތަކުން ކެންޑިޑޭޓުންނާ ސުވާލުތައް އަމާޒު ކޮށްފައެވެ. މިރޭގެ ބަހުސްގައި އިގްތިސާދީ ކުރިއެރުމާއި ހާރިޖީ ސިޔާސަތާއި އުމްރާނީ ތަރައްގީއާއި ޒުވާނުންނާއި އުމުރުން ދުވަސްވީ މީހުންނާއި އަންހެނުން ބާރުވެރިކުރުވުން ހިމެނެއެވެ.
ބަހުސްގައި އެކި ދާއިރާތަކުން ކުރިމަތިކުރުވި ސުވާލުތަކަކަށް ކެނޑިޑޭޓުން ވަނީ އެ ބޭފުޅުންގެ ސިޔާސަތާއި އެއްގޮތްވާ ގޮތުގެމަތިން ޖަވާބުދެއްވާފައެވެ. އަދި ކޮންމެ އެ ކެނޑިޑޭޓަކަށް ވެރިކަން ލިބިއްޖެނަމަ ރާއްޖެއަށް ތަރައްގީގެ ރޮނގުން ގެނެސްދޭނެ ކަންކަމާއި ރައްޔިތުންނަށް އަންނާނެ ކުރިއެރުން ހާމަކޮށްދެއްވިއެވެ.
އުމަރު ވިދާޅުވީ ފާއިތުވި 15 އަހަރު ހަތަރު ރައީސުން ވެރިކަން ކުރެއްވިއިރު ނާމާންކަމާއި މަސްތުވާތަކެތީގެ މައްސަލައާއި ދަރަންޏާއި ކޮރަޕްޝަން ވީ ބޮޑު ކަމަށްކަމާއި ޑިމޮކްރެޓިކް ނިޒާމަށް ދިވެހީން އެދޭ ހައްލުތައް ހޯދައިނުދެވުނު ކަމަށެވެ
އަދި ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތައް ހައްލު ކުރުމަށް އިސްލާމީ ޝަރީއަތުގައި ހިފަން ޖެހޭ ކަމަށެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނެއް ސޮފްޓް ލީޑަރަކަށް ނުބޭލޭނެ ކަމަށެވެ.
ޒަމީލް ވިދާޅުވީ، މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލީ މިނިވަންކަމާ އެކު ކުރައްވަން ޖެހޭ ކަންކަން ކުރުމަށްޓަކައި ކަމަށާއި ކުރިން ދައްކާ މަރުތަކުގެ ވާހަކައާއި މަރުތަކުގެ ވާހަކަ މިހާރު ނުދައްކާ ކަމަށެވެ. އޭނާ ވިދާޅުވީ، ގައުމުގެ ޚަރަދުތައް ކުޑަކޮށް، ދަރަނި ވެސް ކުޑަކުރަން ޖެހޭ ކަމަށެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ގޮތެއް ނިންމާއިރު ފާއިތުވި 20 އަހަރާ ބެހޭ ގޮތުން ވިސްނަން ޖެހޭ ކަމަށާއި ޚާއްސަކޮށް 2018 ވަނަ އަހަރާ ހަމައަށް އޮތް ސަރުކާރާ މެދު ވިސްނަން ޖެހޭ ކަމަށާއި އެ ސަރުކާރުގައި ޕާޓީގެ ލީޑަރުން ޖަލަށް ލައި، ނޫސްތައް ބަންދު ކުރި ކަމަށެވެ. ރައީސް ވިދާޅުވީ މި ސަރުކާރު އައުމާއެކު އަސާސީ އެތައް މަސައްކަތެއް ކުރަން ޖެހުނު ކަމަށާއި އޭގެ ތެރޭގައި ފެނާއި ނަރުދަމާ އަޅައި، ކަރަންޓު ދިނުން ހިމެނޭ ކަމަށެވެ. މި ސަރުކާރުގައި ރާއްޖެއަށް ހެޔޮ ބަދަލެއް ގެނެވިއްޖެ ކަމަށް ވިދާޅުވެ އިގުތިސާދު އިތުރަށް ކުރިއަރުވާނެ ކަމަށް ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ދިވެހީންގެ ރާއްޖެ ހޯދަން އެންމެން އަޒުމު ކަނޑައަޅަން ޖެހޭ ކަމަށާއި ނުބައި ނިންމުމެއް ނިންމައިފި ނަމަ، މިނިވަންކަން ގެއްލިދާނެ ކަމަށާއި އަދި، ތަރައްގީގެ މަގުގައި ގައުމު ސޮއްސާލާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ތަރައްގީ ގެނެވޭނީ ނަތީޖާ ނެރެދީފައިވާ ބަޔަކަށް ވެރިކަން ހަވާލު ކޮށްގެން ކަމަށާއި ނަތީޖާ ނެރެވޭނީ އިޚްލާސްތެރިކަމާ އެކު މަސައްކަތް ކުރެވޭނެ ބަޔަކަށް ކަމަށާއި ރައްޔިތުންގެ އަޑުއަހައިގެން ރައްޔިތުން ބޭނުންވާ ގޮތަށް ވެރިކަން ކޮށްދެވޭނީ އޭނާއަށް ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ބޭސްފަރުވާ ހިލޭ ކޮށްދެއްވާނެ ކަމަށާއި އަދި، އެހެން ހުރިހާ ކެންޑިޑޭޓުންގެ މެނިފެސްޓޯއަށް ވުރެ އޭނާގެ މެނިފެސްޓޯ މާ ފުރިހަމަ ވާނެ ކަމަށެވެ. ގާސިމް ވިދާޅުވީ އޭނާ ކޯލިޝަންގައި ހިމަނައިގެން ވެރިކަމަށް އައުމަށް ފަހު ކޮންމެ ސަރުކާރަކުން ގާސިމަށް ކުރިން ދީފައިވާ ތަކެތި އަތުލާ ކަމަށާއި ސަރުކާރުން ބަދަލު ހޯދަން ޝަރީއަތަށް ދާން ޖެހެނީ އޭގެ ސަބަބުން ކަމަށް ގާސިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ޕީޕީއެމާއި އެމްޑީޕީ ވެސް ވެރިކަން ކުރުމުގައި ފެއިލްވެފައިވާ ކަމަށާއި މި ފަހަރުގެ އިންތިޚާބުގައި ކަންތައްތައް ކުރުމުގެ ގާބިލުކަން ހުރި ކެންޑިޑޭޓަކަށް ވޯޓު ދޭން ޖެހޭ ކަމަށެވެ.
ފާރިސް ވިދާޅުވީ ކުދި އިސްލާހުތައް ގެނެސްގެން ރާއްޖެ ހައްލު ކުރެވެން ނެތް ކަމަށާއި އެގޮތުން ރާއްޖެ ހައްލު ކުރެވޭނީ އެންމެން އެއްބަސްވާ ސިޔާސަތެއް ކަނޑައަޅައިގެން ކަމަށާއި އޭނާގެ ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން އެ ސިޔާސަތު އެކުލަވާލުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ.
ފާރިސް ވިދާޅުވީ ނޭޝަނަލް ޑެވެލޮޕްމެންޓް ޕްލޭނެއް ދެ އަހަރު ތެރޭގައި ހަދައި، އެ ޕްލޭން ރެފަރެންޑަމްއަކުން ފާސްކުރާނެ ކަމަށާއި އެ ޕްލޭން އޮތުމުން ކޮންމެ ސަރުކާރެއްގައި ފަށާފައިވާ މަޝްރޫއުތައް ދެން އަންނަ ސަރުކާރެއްގައި ހުއްޓުވަން ނުޖެހި، އިސްރާފު ކުޑަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އިލްޔާސް ވިދާޅުވީ، ފަރުދުންގެ ތަނަވަސްކަން އިތުރު ކުރަން ޖެހޭ ކަމަށާއި މިހާރު ދިރިއުޅުމުގެ ޚަރަދު ބޮޑުވެގެން ހިގައްޖެ ކަމަށާއި އާންމުންގެ ދިރިއުޅުމަށް ފައިދާއެއް ނުކުރާ ކަމަށެވެ. އޭނާ ހޮވަން ޖެހެނީ، ހުރިހާ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރަން ކަމަށެވެ.
އިލްޔާސް ވިދާޅުވީ ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާ ސިޔާސީ ނުފޫޒުން އެއްކިބާކޮށް، ނިޒާމުތައް ހަރުދަނާ ކުރަން ޖެހޭ ކަމަށާއި ރާއްޖެއަށް ބަދަލު ގެނައުމަށް އޭނާއަށް ވޯޓު ދޭން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، ސިއްހީ ނިޒާމު އޮތީ ބޮޑުތަނުން ފެއިލްވެފައި ކަމަށާއި ހަމަހަމަ ކަމެއް ބޭސް ފަރުވާގެ ނިޒާމުގެ ނެތް ކަމަށެވެ. އޭނާ ވިދާޅުވީ، އިންޝުއަރެންސް ކާޑެއް ތައާރަފުކޮށް، ހަމަހަމަ ކަމާ އެކު ބޭސްފަރުވާ ކުރެވޭނެ ނިޒާމެއް ގާއިމު ކުރައްވާނެ ކަމަށެވެ. ބަޣާވާތުގެ ތުހުމަތުތަކަށް ރައްދު ދެއްވައި ނާޒިމް ވިދާޅުވީ، ހަތެއް ފެބްރުއަރީގައި އޭނާ ކުރެއްވީ ގައުމީ މަސައްކަތެއް ކަމަށާއި އެދުވަހާ ގުޅިގެން ކޯނީ ރިޕޯޓެއް ނެރުނު ކަމަށާއި އޭނާގެ މައްސަލައެއް އޮތް ކަމަށް އެ ރިޕޯޓުގައި ނެތް ކަމަށާއި ވެރިކަން ބަދަލު ކުރުމުގައި ޒިންމާއެއް ނެތް ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
ދައުލަތުގެ ދަރަނީގެ މިންވަރު ބޮޑުނަމަވެސް އެ ދަރަންޏަކީ ދެއްކޭނެ ދަރަނިތަކެއްކަން ހުރިހާ ކެންޑިޑޭޓުންވެސް ފާހަގަކުރެއްވިއެވެ. މީގެއިތުރުން ރައްޔިތުންގެ އަތުން އިތުރު ޓެކްސްއެއް ތައާރަފް ނުކުރައްވާނެކަމަށްވެސް ހުރިހާ ކެނޑިޑޭޓުންވެސް ފާހަގަކުރެއްވިއެވެ .
ބަހުސްގައި ވާދަވެރިކަން އެންމެ ބޮޑަށް ފެނިގެން ދިޔައީ ވެރިކަންކުރާ، އެމްޑިޕީ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއި އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާ ދެމެދުއެވެ. އެގޮތުން ދެ ބޭފުޅުންގެ ހާރިޖީ ސިޔާސަތާއި ގުޅޭގޮތުންވެސް ވާދަވެރި ބަހުސްއެއް ކުރެއްވިއެވެ.
