ރައީސް ޔާމީން ގެއަށް ބަދަލު ކުރަން މުއިއްޒު އެދިވަޑައިގެންފި

މިހާރު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގެއަށް ބަދަލު ކޮށްދެއްވަން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ އެދިވަޑައިގެންފިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ލިބިވަޑައިގެންނެވި ކާމިޔާބީއަށް ފަހު މިރޭ މީރުމާމާލަމުގައި މީޑިއާތަކަށް ދެއްވި ފުރަތަމަ ބަޔާނުގައި ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް ރައީސް ސޯލިހް އަރިހުން އެދިވަޑައިގަންނަވަމުން ޑރ. މުއިއްޒު ވިދާޅުވީ އެއީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނީ ގޮތުން ކުރެއްވޭނެ ކަމަށާއި އެކަން ކުރުމަކީ މިއަދު މިގައުމުގެ މަސްލަހަތަށްޓަކައި އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިގެންނަވާ ކަމަށެވެ.

"އަޅުގަނޑު މިދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް އިހުލާސްތެރިކަމާއި އަދަބުވެރިކަމާ އެކު ދަންނަވާލަން އަޅުގަނޑުމެންގެ ލޮބުވެތި ރައީސް ރައީސް ޔާމީން ގެއަށް ބައްދަލުކޮށްދެއްވުމަށް،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

މިއަދުގެ އިންތިހާބުގައި އެމަނިކުފާނަށް ވޯޓް ދެއްވި އެންމެހައި ރައްޔިތުންނަށް ޑރ. މުއިއްޒު ޝުކުރުއަދާ ކުރެއްވި އެވެ. އަދި މި ވަގުތަކީ ގައުމުގެ އެންމެން އެކަތިގަނޑަކަށްވާންވީ ވަގުތު ކަމަށާއި ގައުމުގެ މަސްލަތު ކޮންމެ މީހެއްގެ މަސްލަހަތަށް ވުރެ ބޮޑު ކަމަށާއި ގައުމަށް ހަމަޖެހުން ގެނައުމަށްޓަކައި ކޮންމެ މީހެއްގެ މަސްލަތަށްވުރެ ގައުމީ މަސްލަހަތު އިސްކުރަންޖެހޭނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ކެންޕެއިންގައި ތަކުރާރުކޮށް ޑރ. މުއިއްޒު ވިދާޅުވަމުން ގެންދެވި ފަދައިން މިރޭ ވެސް ވިދާޅުވީ ކޮންމެ ދިވެހި ރައްޔިތަކާ މެދު ކަންކަން ކުރައްވާނީ ހަމަހަމަކަމާ އެކުގައި ކަމަށެވެ.

ގައުމުގެ ހަމަޖެހުން ގެއްލޭ ފަދަ އެއްވެސް ކަމެއް ކުރުމަށް އެއްވެސް ފަރާތަކުން ހިތްވަރު ނުދިނުމަށާއި އެކި ފަރާތްތަކުން ގައުމުގެ ކުރިމަގު ބަނަކޮށް، ހަމަޖެހުން ގެއްލުވާލަން މަސައްކަތް ކުރާނެ ކަމަށާއި އެ ފުރުސަތު ނުދިނުމަށް އިންތިހާބީ ރައީސް އެދިވަޑައިގެންނެވި އެވެ.

"އަޅުގަނޑުމެން ވަރަށް އުފާވޭ. އަޅުގަނޑުމެން އުފާ ފާޅުކުރާއިރު ވެސް އަޅުގަނޑު އެދެނީ މި ދެންނެވި ބީދައިން އަމަލްތައް ބެހެއްޓެވުން. އަޅުގަނޑުމެންގެ އުޅުމާއި ގުޅުމަކީ އަޅުގަނޑުމެންގެ ރިވެހި އަހުލާގުގެ ތެރެއިން ކުރިއަށް ގެންދާ ކަމަކަށް ވާންޖެހޭނެ. އެއްވެސް ފަރާތަކަށް ފުރުސަތެއް ލިބުނަ ނުދެއްވުމަށް އަޅުގަނޑުމެންގެ މި ހަމަޖެހުން ގެއްލުވާލުމަށް،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ ގައުމުގެ މިނިވަންކަން އިރާދަކުރެއްވިއްޔާ ހިމާޔަތްކުރެވި އިގުތިސާދު ނަގާ ކޮޅަށް ޖެހޭނެ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކަކީ ރައްޔިތުން ބޭނުންވާ ގޮތަށް ގައުމުގެ ކަންކަން ގެންދެވޭނެ ދުވަސްތަކެއް ކަމަށެވެ. އެހެންކަމުން ރައްޔިތުން ކުރި އިތުބާރާއެކު ހަވާލުކުރި މަތިވެރި އަމާނާތާއި ޒިންމާ އަދާކުރުމުގެ ފުރުސަތު ދިނުމަށާއި އިރާދަކުރެއްވިއްޔާ ރައްޔިތުން އެދޭ ފަދަ ގޮތަށް ސަރުކާރާއި ގައުމުގެ ކަންކަން ކުރިއަށް ގެންގޮސްދެއްވާނެ ކަމަށް އިންތިހާބީ ރައީސް ވިދާޅުވި އެވެ.

ޑރ. މުއިއްޒުގެ ވާހަކަފުޅު ނިންމާލައްވަމުން "ދިވެހީންގެރާއްޖެ" އަނބުރާ ހޯދަން ބޭނުންވާކަން ދިވެހި ރައްޔިތުން ނިންމައިފައިވާ ކަމަށާއި "އިރާދަކުރެއްވިއްޔާ ރައްޔިތުން އެދޭ ގޮތަށް އެ ޒިންމާ އަމާނާތްތެރިކަމާއި ތެދުވެރިކަމާއި އިހުލާސްތެރިކަމާ އެކީގައި ދިވެހިންގެ ރާއްޖެ ދިވެހިންނަށް ޔަގީންކޮށް"ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *