އިންތިގާލީ ކޮމިޓީގެ މަސައްކަތްތަކާއި ގުޅޭގޮތުން މިއަދު މުއައްސަސާތަކަށް ޒިޔާރަތްކުރާނެ ކަމަށް އިންތިގާލީ ކޮމިޓީގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް މިއަދު ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ މުއަށްސަސާތަކަށް ޒިޔާރަތްކުރުމާ ގުޅޭގޮތުން އިއްޔެ ވަނީ މުއައްސަސާތަކަށް ސިޓީ ފޮނުވާފައިކަމުގައެވެ. މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އިންތިގާލީ ކޮމިޓީގެ ތަރުޖަމާނު ވަނީ ސިވިލްސާވިސްގެ ގާނޫނުގެ ދަށުން މަސައްކަތްކުރާ މުއައްސަސާތަކަށް މުވައްޒަފުން ނެގުމާއި އިދާރާތަކުގެ މަގާމުތައް އުފެއްދުމާއި ގުޅޭ ކަންކަން މަޑުޖައްސާލުމަށް އެދިވަޑައިގެންފައެވެ. ސިވިލްސާވިސް ދަށުގައި ނުހިމެނޭ މުއައްސަސާތައްވެސް އެ އުސޫލުގެ ދަށުން މި މަރުހަލާގައި ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންނެވިއެވެ.
އިންތިގާލީ ކޮމިޓީ އޮފީސް ހެދުމާއި އެހެނިހެން ކަންކަމުގައިވެސް ސަރުކާރުން އެއްބާރުލުން ދެއްވާކަމަށާއި ނަމަވެސް އެކިއެކި ފަރާތްތަކުން ލިބޭ މައުލޫމާތުތަކުން ބައެއް އިދާރާތަކުން މީހުންނަށް މަގާމު ދިނުމާއި ޕްރޮމޯޝަން ދޭކަމަށް މައުލޫމާތު ލިބޭކަމަށް ފާހަގަ ކުރެވޭ ކަމަށާއި އެކަން އެގޮތަށް ނުކުރެއްވުމަށް އިލްތިމާސް ކުރެއްވިއެވެ.
އިންތިގާލީ މަރުހަލާގެ ހުރިހާކަމެއްގައި މިސަރުކާރުން އެއްބާރުން ދެއްވާކަމަށްވެސް އިންތިގާލީ ކޮމިޓީގެ ތަރުޖަމާނު ވަނީ ފާހަގަ ކުރައްވާފައެވެ.
