2024 ވަނައަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް އެކުލަވާލުމާއި ގުޅޭގޮތުން އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ފަރާތުން 7 މެންބަރުންގެ ކޮމިޓީއެއް އެކުލަވާލައްވާ ލައްވައިފިއެވެ. މި ކޮމިޓީ އުފައްދަވާފައިވާކަން ހާމަކުރެއްވީ އިންތިގާލީ ކޮމިޓީގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް މިއަދު ދެއްވި ޕްރެސް ކޮންފަރެންސް އެއްގައެވެ.
މި ޕްރެސް ކޮންފަރެސްގައި ފިރުޒުލް ވިދާޅުވީ މި އުފެއްދި ކޮމިޓީގެ މަސައްކަތްތަކަށް ބޭނުންވާ މައުލޫމާތު ހޯދުމަށް އެދި މިނިސްޓްރީ އޮފް ފިނޭންސަށް ތަފްސީލީ މައުލޫމާތު ހޯދުމަށް އެދިފައިވާނެކަމަށެވެ. މީގެ އިތުރުން ދިވެހި ދައުލަތުގެ މިހާރުގެ ފިޒިކަލް ހާލަތާއި 2024 އަށް ލަފާކުރާ ތަފްސީލީ މައުލޫމާތު ހޯދުމަށް މިނިސްޓްރީގެ ބައްދަލުވުމަކަށްވެސް އެދިފައިވާނެ ކަމަށް ފާހަގަ ކުރެއްވިއެވެ. ބަޖެޓުގައި އިސްކަންދޭ ކަންކަން އަދި ތަފްސީލްކޮށް ނުދެވުނަސް 100 ދުވަހުގެ ވައުދުތައް ފުއްދުމަށް ފޯކަސް ކުރާކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު މަސައްކަތްކުރައްވާނެ ކަމަށްވެސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އިންތިހާބީ ރައީސްގެ ހުވާކުރުމުގެ ރަސްމިއްޔާތު ރައްޔިތުން މަޖިލީހުގެ ފަރާތުން ބާއްވާއިރު އިންތިޚާބީ ރައީސްގެ އެދިވަޑައިގަތުމާއި އެއްގޮތަކަށް ބޭއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާކަމަށް ވިދާޅުވިއެވެ. އެގޮތުން 17 ނޮވެމްބަރ ވާ ހުކުރު ދުވަހު ހަވީރުގެ ވަގުތެއްގައި މި ދަރުބާރު ބޭއްވުމަށް ވަނީ މަޝްވަރާކުރެވިފައި ކަމަށާއި އެކަމަށް ތައްޔާރުވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
