އިމެއް ނެތި އަނބިމީހާއަށް މާފުކުރި ފިރިމީހާއަށް ލިބުނީ ބޮޑު އުފާވެރިކަމެއް

އަހުރެންނަށް ވަރަށް ބޮޑަށް އިތުބާރުކުރެވޭ އެކުވެރިއަކު ބުނެފައިވާ މިވާހަކަ ފުރަތަމަ އަޑުއަހާށެވެ!

"އަހުރެން ކައިވެނިކުރީ ކިޔަވައިގެން ހުރި އަދި ދިރިއުޅެން މަސައްކަތްކުރާ އަދި އަޚްލާޤީ ގޮތުންވެސް ގިނަ ކަންތައްތަކެއްގައި ރަނގަޅު އަންހެނަކާއިއެވެ. ކައިވެނިކުރިތާ މާގިނަ ދުވަސްތަކެއް ނުވެ މައްސަލަތައް ޖެހެން ފެށިއެވެ. ކުރީގެ ލޯބިވެރިޔާއަށް ފޯނުކުރުން ފަދަ މައްސަލަތަކެވެ.

އޭނާ އެފަދަ ކަމެއް ކުރިނަމަވެސް އަހުރެން އެފަދަ އެއްވެސް ކަމެއް ނުކުރަމެވެ. އަހުރެން ބެލީ ތެދުވެރިކަމާއިއެކު ސާބިތުވެ ހުރެވޭތޯއެވެ. ކައިވެންޏަށް 11 މަސްފުރެންވީއިރަށް، ޢާންމުގޮތެއްގައި ފިރިން މާފުނުކުރާނެ 17 ކުށަކަށް (17 ފަހަރު ކުށްކުރުމުން) މާފުކުރީމެވެ.

ކައިވެނީގެ އަހަރީ ދުވަސް ކައިރިވަމުން އައިއިރު އަހުރެންނަށް ހުންނަން ޖެހުނީ ވަރަށް ބޮޑު ނާއުންމީދުކަމެއްގައެވެ. އެއީ 2 ވަނަ އަހަރީ ދުވަހެއް އެކުގައި ފާހަގަކުރަން ލިބިދާނެކަމާއިމެދުގައި ސުވާލު އުފެދޭތީއެވެ. އެހެންވެ އަހަރީ ދުވަހާއިމެދު މާބޮޑަކަށް ނުވެސް ވިސްނަމެވެ.

ކަންކަން މެދުވެރިވީ އެގޮތަކަށް ނޫނެވެ. މުޅިން ތަފާތު ގޮތަކަށެވެ. ހަފްތާއަކަށް ގާތްވެފައި ވަނިކޮށް އަނބިމީހާ އަމިއްލައަށް ޕްލޭނެއް ރާވައި މެސެޖްކުރިއެވެ. އަދި ދެމީހުން އެކުގައި ބޭރު ގައުމަކަށްދާން ރާވައި ނަގާފައިވާ ޓިކެޓެއްވެސް ފޮނުވިއެވެ.

އަނބިމީހާގެ ހުށަހެޅުން ގަބޫލުކުރީމެވެ. ދަތުރު ދިއައީމެވެ. އަނބިމީހާ ހުރީ މުޅިން ތަފާތު އަންހެނަކަށް ބަދަލުވެފައެވެ. ބުނީ މާފުކުރި ކޮންމެ ފަހަރަކު ލޯބި އިތުރުވިކަމަށެވެ. އަދި އެވާހަކަ ފަހުން ނުދައްކާތީ މާބޮޑަށް ލޯބި އިތުރުވިކަމަށެވެ. ދެން ދުވަހަކުވެސް އަހުރެން ހިތުގައި ޖެހޭނެ އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ. އަދި ކުރިން ކުރެވުނު ކުށްތަކުގެ ތެރެއިންވެސް ހިލޭ ފިރިހެނެއްގެ ގައިގައި ބީހިލާފައިވެސް ނުވާނެ ކަމަށެވެ. އެކުށްތައް ކުރެވުނީ އެކުވެރިންގެ ސަބަބުން ކަމަށާއި މިހާރު ވަރަށް ދެރަވާކަމަށް ބުނެ މާފަށްވެސް އެދުނެވެ.

ދެން ބުނެލަން އޮތީ ކައިވެންޏަށް މިހާރު 10 އަހަރު ފުރިއްޖެއެވެ. އަނބިމީހާގެ ވަޢުދު ހިފެހެއްޓިއެވެ. ދިރިއުޅެމުން މިއަންނަނީ ވަރަށް ބޮޑަށް ހިތްހަމަޖެހިގެން އުފަލުގައެވެ."

މިބާވަތުގެ އެތައް ކަމެއް ކޮންމެ ދުވަހަކުވެސް ހިނގާނެއެވެ. އޮތީ ބުއްދިއާއި ޙިކުމަތުގެ ބޭނުންކުރުމެވެ. ކަމެއް ދިމާވާއިރަށް ރުޅި އިސްކުރުމާއި ވަރިކުރަން އަވަސްވެގަތުމާއި ވަރިވާން އަވަސްވެގަތުން ނިމުމަކަށް ގެންނަން އެބަޖެހެއެވެ. ހިތާމައަކީ ވިސްނަންޖެހޭ ވަރަށް ވަރަށް ނުވިސްނައި އެންމެ ފަހުން ކުރަންޖެހޭ ކަންކަން އެންމެ ކުރިން ކުރެވޭ ކަމެވެ. މިބުނަނީ ރުޅިއައިސް އެއްޗެތި ގޮވުމާއި ކައިވެނި ރޫޅައިލުމަށް އަވަސްވެގަނެވޭ ވާހަކައެވެ.

އަލަފް

– މިއަދު ނޫހުން ނަގާފައި

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *