ގެދޮރުވެރިޔާ ސްކީމުގެ ދާއިމީ ލިސްޓް އިއުލާންކޮށް ގުރުލަމުން ދަނީ

 

ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓް އިއުލާންކޮށް ގުރުލަމުން އެބަދެއެވެ. މިއީ ޝަކުވާހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ހުށަހަޅާފައިވާ ޝަކުވާގެ މައްޗަށް ރިޔާއަތްކޮށް ބެލުމަށްފަހު ގެދޮރުވެރިޔާ ސްކީމުގެ ދާއިމީ ލިސްޓެވެ.

ހައުސިންގ މިނިސްްޓްރީން ހާމަކުރާގޮތުގައި މިއީ ގެދޮރުވެރިޔާ ސްކީމުން ދޫކުރުމަށް ހަމަޖެހިފައިވާ 3 ކޮޓަރީގެ ފުލެޓާއި ދެކޮޓަރީގެ ފުލެޓްތައް އަގުތަކާއެކު އިއުލާން ކުރި ފަހަރުކަމަށެވެ. 3 ކޮޓަރީގެ މަހު ކުއްޔަކީ 7000ރ (ހަތްހާސް ރުފިޔާ) އާއި މަރާމާތު ފީގެ ގޮތުގައި މަހަކު 1000ރ (އެއްހާސް ރުފިޔާ) އެވެ. އަދި 2 ކޮޓަރީގެ މަހު ކުއްޔަކީ 5000ރ (ފަސްހާސް ރުފިޔާ) އާއި މަރާމާތު ފީގެ ގޮތުގައި މަހަކު 1000ރ (އެއްހާސް ރުފިޔާ) އެވެ. ކުލި ދެއްކުމަށް ފެށުމަށް ހަމަޖެހިފައިވަނީ ފުލެޓް ޙަވާލުކުރާ ތާރީހުންފެށިގެން 3 (ތިން މަސް) ދުވަހުގެ ގްރޭސް ޕީރިއަޑް އަކަށްފަހު އެވެ. އަދި ކުލި ދައްކަންޖެހޭ ޖުމްލަ މަހުގެ އަދަދަކީ 300 (ތިންސަތޭކަ) މަހެވެ.

ލިސްޓަށް އައިސްފައިވާ ބަދަލުތަކާއެކު ފުރަތަމަބުރުގައި ދޫކުރާ 4000 ފްލެޓްގެ ތެރެއިން 3 ކޮޓަރީގެ ފުލެޓް ލިބެނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށް ފުލެޓް ނެގުމަށްފަހު ބާކީވާ ފުލެޓްތައް 75 މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތަކުން ހޮވޭ ފަރާތްތަކަށެވެ. އަދި ފުރަތަމަބުރުގައި 2 ކޮޓަރީގެ ފުލެޓް ލިބެނީ 73 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށްކަމަށްވެސް ހައުސިންގ މިނިސްްޓްރީން ބުނެއެވެ.

ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދެމަފިރިން ފުލެޓް ލިބުމަށް ހޮވިފައިވާނަމަ ފުލެޓް ލިބޭނީ ދެމަފިރިންނަށް 1 ފުލެޓް ނުވަތަ ދެމަފިރިންގެ ތެރެއިން ކަނޑައަޅާ އެއްފަރާތަކަށް 1 ފުލެޓްއެވެ. ފުލެޓް ލިބުމަށް ހޮވިފައިވާ ފަރާތްތަކަށް ލިބޭ ފުލެޓް ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ގުރުއަތުނަގައިގެންނެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *