ޣައްޒާއަށް ބޭނުންވާ މިންވަރަށް އެހީއެއް ނުލިބޭ

ޙަމާސް ޖަމާޢަތުގެ މުޖާހިދުންނާއި ޔަހޫދީންނާ ދެމެދު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދޭން ފަށާފައިވީ ނަމަވެސް، އެ ސަހަރުގައި ދިރިއުޅޭ 2.3 މިލިޔަން މުސްލިމުންނަށް ބޭނުންވާ މިންވަރަށް ޒަރޫރީ ސާމާނު ފޯރުކޮށްދެވެމުން ނުދާ ކަމުގައި ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކުން ހާމަކޮށްފިއެވެ. ޙަމާސް-އިސްރާޢީލް އެއްބަސްވުމަށް އަމަލު ކުރަން ފަށާފައި ވަނީ ނޮވެންބަރު 24 ވީ ހުކުރު ދުވަހުގެ ހެނދުނު ޣައްޒާ ގަޑިން 7 ޖެހިއިރެވެ.

ގާތްގަނޑަކަށް ދެ މަސް ދުވަސް ވަންދެން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުން ދިޔަ ލާއިންސާނީ ޖަރީމާތައް ވަގުތީ ގޮތުން މެދުކަނޑައިލުމުން އ.ދއާއި ރެޑް ކްރެސްޓު ފަދަ ޖަމުޢިއްޔާތަކުން ދަނީ ޣައްޒާގެ މުސްލިމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރަމުންނެވެ. އޮކްޓޫބަރު 7 ވަނަ ދުވަހު ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް، އެ ސަހަރަށް ކާބޯތަކެއްޗާއި ސާފު ބޯފެނާއި ބޭސް ފަރުވާގެ ސާމާނު އެތެރެ ކުރުން މަނާ ކުރުމުން އެތަކެއް ސަތޭކަ ހާސް ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ.

ޙަމާސް-އިސްރާޢީލް އެއްބަސްވުމަށް އަމަލު ކުރަން ފަށާފައި ވަނީ، ހަލާކުވާ ޒާތުގެ ކާބޯތަކެތި ހަލާކުވާން ފަށާފައިވާ ކަމުގެ އިންޒާރު އެހީދޭ ޖަމާޢަތްތަކުން ދީފައިވަނިކޮށް ކަން ފާހަގަކޮށްލަން ޖެހެއެވެ. ނޮވެންބަރު 24 ވަނަ ދުވަހުން ފެށިގެން އެހީގެ ސާމާނު ބަރުކޮށްފައިވާ 750 އެއްހާ އުޅަނދު ވަނީ ރަފަޙް ހުރަސް ތެރެއިން ޣައްޒާއަށް އެތެރެ ކޮށްފައެވެ. އޭގައި ހުރީ ކާބޯތަކެއްޗާއި، ސާފު ބޯފެނާއި، ބޭސް ފަރުވާއަށް ބޭނުންވާ ސާމާނެވެ. އަދި، ޖަނަރޭޓަރުތައް ހިންގަން ބޭނުންވާ ތެލެވެ.

މިހާރު ޣައްޒާއަށް އެތެރެ ކުރަމުން ދަނީ ދުވާލެއްގެ މައްޗަށް 150 އެއްހާ އުލަނދެވެ. ފަލަސްޠީނުގެ ރެފިއުޖީންނާ ބެހޭ އ.ދގެ އިދާރާ [ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވަރކްސް އޭޖެންސީ (ޔޫ.އެން.އާރް.ޑަބްލިޔު.އޭ)]ން ބުނީ މިއީ ވަރަށް މަދު ޢަދަދެއް ކަމުގައެވެ. އަދި، ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ދުވާލަކު މަދުވެގެން 200 އެއްހާ އުޅަނދުގެ ސާމާނު ފޯރުކޮށްދޭން ޖެހޭ ކަމުގައެވެ.

އިންސާނީ އެހީގެ ކަންކަން ވިލަރެސްކުރާ އ.ދގެ އިދާރާ [ޔުނައިޓެޑް ނޭޝަންސް އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިޔުމެނިޓޭރިއަން އެފެއާޒް (އޯ.ސީ.އެޗް.އޭ)]ން ބުނީ ޣައްޒާގައި ހާލުގައި ޖެހިފައިވާ އެތަކެއް ސަތޭކަ ހާސް މީހުންނަށް ބޭނުންވާ ޒަރޫރީ ސާމާނު ފޯރުކޮށްދިނުމަށް ދުވާލަކު 500 އެއްހާ އުޅަނދުގެ ސާމާނު ބޭނުންވާ ކަމުގައެވެ.

ޣައްޒާއަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް އ.ދއިން ހިންގާ ޑީސެލިނޭޝަން ޕްލާންޓުތަކާއި އެ ސަހަރުގެ ނަރުދަމާ ނިޒާމު ހިންގަން ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމަށް އިތުރު ތެޔޮ ބޭނުންވާ ކަމުގައި ވެސް ޔޫ.އެން.އާރް.ޑަބްލިޔު.އޭން ބުންޏެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *