ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގެންދިއުމުގެ މަސައްކަތް ދެ ގައުމުގައި ޓެކްނިކަލް ލެވެލްގައި ކުރިއަށްދާ ކަމަށާއި ދެ ގައުމުގެ މެދުގައި މިހާތަނަށް ބޭއްވުނު މަޝްވަރާތަކުގައި އިންޑިއާގެ ސިފައިން އަނބުރާ ގެންދިއުމަށް އެ ގައުމުގެ ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު ތުރުކީވިލާތަށާއި ޔޫ.އޭ.އީ. އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މިއަދު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ މަޢުލޫމާތު ޙިއްޞާކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މި މަސައްކަތުގައި ލިބިފައިވާ ކުރިއެރުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މިއަދާ ހަމައަށް އިންޑިއާގެ އެންމެ އިސްބޭފުޅުންނާއެކު 4 ނުވަތަ 5 ބައްދަލުވުން ބާއްވަވައި މަޝްވަރާކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ދެވަނައަށްވީ ދުވަހު، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދެވުމަށް ރަސްމީގޮތުން ދިވެހި ސަރުކާރުގެ ފަރާތުން އިންޑިއާ ސަރުކާރުގައި ދަންނަވާފައިވާނެ ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިހާތަނަށް ކުރެވުނު މަސައްކަތްތަކާއި ބޭއްވުނު ބައްދަލުވުންތަކުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދެވުމަށް އިންޑިޔާ ސަރުކާރުން އެއްބަސްވެ ވަޑައިގެންފައިވާކަމަށާއި، އަދި ޓެކްނިކަލް ލެވެލްގައި މިހާރުވެސް މަސައްކަތް ކުރެވެމުންދާކަމުގައެވެ. މީގެ އިތުރުން، އެންމެފަހުން ކޮޕް28ގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ މަތީ ފަންތީގެ ކޮމިޓީއެއް އެކުލަވާލައި، މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމަށް އެއްބަސްވެ ވަޑައިގެންފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ކޮމިޓީއަކީ ވަގުތުން ވަގުތަށް ނިންމުންތައް ނިންމޭވަރުގެ ކޮމިޓީއެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އުންމީދަކީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގެންދިއުމުގެ ކަންކަން އަވަސްވެގެންދިއުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެކަން ޑިޕްލޮމެޓިކް ރީތި އުސޫލުތަކުގެ ތެރެއިން ކުރެވިގެންދާނެކަމުގެ ޔަޤީންކަން އެމަނިކުފާނަށް އޮތްކަމުގައިވެސް ރައީސުޖުމްހޫރިއްޔާ ވިދާޅުވިއެވެ.
