ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ އާއި ބިން ހަވާލު ކުރަން ފަށައިފި

ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތީގެ އެއްބަސްވުމުގައި ސޮއިކޮށް ބިން ހަވާލު ކުރުމުގެ މަސައްކަތް އަލުން ފަށައިފިއެވެ.

ކުރީ ސަރުކާރުން ދީފައިވާ ގޯތި މި ސަރުކާރުން އަތުލާނެކަމަށް ބައެއް ފަރާތްތަކުން އަޑު ފަތުރަމުން ދަނިކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިމަހުގެ ދެވަނަ ދުވަހު ވިދާޅުވެފައިވަނީ  ކުރީ ސަރުކާރުން ގޯއްޗާއި ފްލެޓް ލިބޭނެ ކަމަށް ނިންމައި ގެޒެޓް ކުރި ލިސްޓުގައިވާ މީހުންނަށް ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ވައުދު ވެވަޑައިގެންނެވި ގޮތަށް އެތަންތަން ހަވާލު ކުރައްވާނެ ކަމުގައެވެ.

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިއަދު ކުރި އިއުލާނެެއްގައި ބުނެފައި ވަނީ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ގޯތީގެ އެއްބަސްވުމާއި ގޯތީގެ ރަޖިސްޓަރީ ހަވާލުކުރެވިފައި ނުވާ ފަރާތްތަކަށް، ގޯތީގެ އެއްބަސްވުމުގައި ސޮއި ކުރުމާއި ރަޖިސްޓަރީ ހަވާލުކުރުމުގެ އިތުރުން ބިން ހަވާލުކުރުން މިއަދުން ފެށިގެން އެ ވުޒާރާގައި ކުރިއށް ދާނެ ކަމަށެވެ.

އަދި އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް އެ ވުޒާރާއިން ފޯން އަދި އެސް.އެމް.އެސްގެ ޒަރިއްޔާއިން ހާޒިރުވާނެ ތާރީހާއި ގަޑި އަދި ތަން އަންގާނެ ކަމަށް ވެސް މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *