އިންޑިއާ ކަނޑަކީ ވަކި ގައުމެއްގެ މިލްކެއް ނޫން : ރައީސް

އިންޑިއާ ކަނޑަކީ ވަކި ގައުމެއްގެ މިލްކެއް ނޫން ކަމަށާއި ކުޑަ ގައުމަކަށް ވިޔަސް ބޭރުގެ ބޮޑެތި ގައުމަތަކަށް ނުރަނގަޅު ނުފޫޒު ނުފޯރުވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އެހެން ވިދާޅުވީ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެން ދަތުރުފުޅާ ބެހޭ މަޢުލޫމާތު މީޑިއާއަށް ހިއްސާ ކުރައްވަމުންނެވެ.

ރައީސް ވިދާޅުވީ އިންޑިޔާ ކަނޑުގައި ރާއްޖޭގެ ރަށްތަކުގެ ސައިޒް ކިތަންމެ ކުޑަ ނަމަވެސް ރާއްޖޭގެ އެކްސްކުލޫސިވް އިކޮނޮމިކް ޒޯން ވަރަށްބޮޑު ކަމަށެވެ. އެގޮތުން ރާއްޖެއަކީ 9 ލައްކަ އަކަކިލޯމީޓަރުގެ ބޮޑު ޤައުމެއް ކަމަށް ވިދާޅުވިއެވެ. އަދި އިންޑިޔާ ކަނޑުގައި އެއް ޤައުމަކަށް އެންމެ ބޮޑު ހިއްސާއެއް އޮތް ޤައުމަކަށް ވާނީ ރާއްޖެކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ އެ ކަނޑަކީ ވަކި ޤައުމެއްގެ މިލްކެއް ނޫން ކަމަށެވެ. އަދި އެ ކަނޑަކީ އެ ކަނޑު ނިސްބަތްވާ ވަށާލެވިފައިވާ ހުރިހާ ޤައުތަކަށް ވެސް ނިސްބަތްވާ ކަނޑެއް ކަމަށާއި އެއްވެސް ޤައުމަކަށް ނިސްބަތްވާ ނުވާ ސަރަހައްދު މާބޮޑު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެއާއި ޗައިނާއާ ދެޤައުމުގެ ދޭތެރޭ އޮންނަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދެ ޤައުމުގެ ދޭތެރޭގައި އޮންނަ ގުޅުމަކީ ވަރަށް ނަމޫނާ ޒަމާންވީ ގުޅުމެއް ކަމަށެވެ. އަދި އެތައް 100 އަހަރެއްވީ މި ގުޅުމަށް ސިޔާސީ ގުޅުން އުފެދުނުފަހުން ވަރުގަދަވެގެން ގޮސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ޗައިނާއާއި ރާއްޖެއާ ދޭތެރޭ އޮންނަ ގުޅުން ބިނާވެގެންވަނީ 4 އަސާސެއްގެ މައްޗަށް ކަމަށެވެ. އެއީ، މިއުޗުއަލް ރެސްޕެކްޓް، ސޮވެރިން އިކުއަލިޓީ، ޓެރިޓޯރިއަލް އިންޓަރގްރިޓީ އަދި ނޮން އިންޓަރފިއަރެންސް އިން އިންޓަރނަލް މެޓަރސް ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި މި ހުރިހާ ކަމަކަށް ވެސް ޗައިނާއިން އިޙްތިރާމް ކުރާ ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖެއިން ވަން ޗައިނާ ޕޮލިސީ ފުރިހަމައަށް ޤަބޫލްކުރާ ކަމަށާއި އެ ކަމަށް ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ. އަދި ޗައިނާއިން ވެސް ރާއްޖޭގެ އިސްތިޤްލާލަށް ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *