މާލެ ސިޓީ މޭޔަރު ހޮވުމަށް މިއަދު ބޭއްވި ބައި- އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައިފިއެވެ.
މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި އާދަމް ޢާޒިމް އިންތިޚާބު ކާމިޔާބު ކުރެއްވީ 7،621 ވޯޓު ހޯއްދަވައިގެންނެވެ. ޢާޒިމްއާ އެންމެ ކައިރިން ވާދަކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް އައިޝަތު އާޒިމާ ޝަކޫރަށް ލިބިވަޑައިގަތީ 5،032 ވޯޓެވެ.
މި އިންތިޚާބުގައި އާޒިމް އާއި އާޒިމާގެ އިތުރުން ވާދަކުރެއްވި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް ސައިފް ފާތިހަށް ލިބިވަޑައިގަތީ 2336 ވޯޓެވެ. ރައީސް ޔާމީންގެ ތާއީދާއެކު އަމިއްލަގޮތުން ވާދަކުރެއްވި ހުސައިން ވަހީދަށް 1888 ވޯޓް ލިބިވަޑައިގެންނެވިއިރު އަމިއްލަގޮތުން ވާދަކުރެއްވި ޝުޢައިބު އަލީ އަށް ލިބިވަޑައިގެންނެވީ 125 ވޯޓެވެ.
ވަގުތީ ނަތީޖާއިން އާޒިމް އިންތިޚާބު ކާމިޔާބުކުރެއްވި ކަމަށް ދައްކާތީ އެ އިންތިޚާބުގައި ވާދަކުރެއްވި އެހެން ކެންޑިޑޭޓުން ވެސް ވަނީ އާޒިމް އަށް މަރުޙަބާ ވިދާޅުވެފައެވެ.
މާލޭގެ މޭޔަރު ހޮވުމަށް ބޭއްވި އިންތިޚާބުގައި މާލޭގައި 55 ވޯޓު ފޮށި ވަނީ ބަހައްޓައިފައެވެ. މި އިންތިޚާބުގައި 54،680 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނުއިރު ވޯޓުލާފައިވަނީ 30 އިންސައްތަ މީހުން ކަމަށް އީސީން ވިދާޅުވެއެވެ.
މިއަދުގެ އިންތިޚާބުގައި ވޯޓުލި މީހުންގެ އަދަދު އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބަށްވުރެ ދަށްކަން އީސީގެ ރައީސް ފުއާދު ތައުފީގު ފާހަގަކުރެއްވިއެވެ. އެގޮތުން ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރު ހޮވުމަށް ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ 40 އިންސައްތަ މީހުން ވޯޓުލިއެވެ.
