ރައީސުލްޖުމްހޫރިއްޔާގެ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 22 ވަޒީރުންގެ ތެރެއިން 19 ވަޒީރުންނަށް ރުހުންދީ، 3 ވަޒީރަކަށް ރުހުން ނުދޭން ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ. ވަޒީރުންނަށް ރުހުންދިނުމާއި ގުޅޭ ވޯޓު ކުރިއަށްގެންގޮސްފައިވަނީ މިއަދު ދައުރުން ބޭރުން ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ.
ރުހުން ދޭން ނިންމި ވަޒީރުންނަކީ:
• ދިފާޢީ ވަޒީރު – މުޙައްމަދު ޣައްސާން
• ޚާރިޖީ ވަޒީރު – މޫސާ ޒަމީރު
• ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު – ޢަލީ އިޙްސާން
• މާލީ ވަޒީރު – ޑރ. މުޙައްމަދު ޝަފީޤު
• ތަޢުލީމީ ވަޒީރު – ޑރ. އިސްމާޢީލް ޝަފީޢު
• ޞިއްޙީ ވަޒީރު – ޑރ. ޢަބްދުﷲ ޚަލީލް
• އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު – މުޙައްމަދު ސަޢީދު
• މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު – އަޙްމަދު ޝިޔާމް
• ފަތުރުވެރިކަމާ ބެހޭ ވަޒީރު – އިބްރާހިމް ފައިޞަލް
• އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު – ޑރ. ޢާއިޝަތު ޝިހާމް
• ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު – ޢަބްދުﷲ ރާފިޢު
• މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު – ޠާރިޤް އިބްރާހީމް
• ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު – މުޙައްމަދު އަމީން
• ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު – އާދަމް ނަޞީރު އިބްރާހީމް
• މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު – ޑރ. މަރިޔަމް މާރިޔާ
• އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު – ޑރ. ޢަބްދުﷲ މުއްޠަލިބު
• ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު – ޑރ. ޢާއިޝަތު ރަމީލާ
• ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު – އިބްރާހިމް ވަޙީދު
• ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު – އާދަމް ޝަރީފު ޢުމަރު
ރުހުން ނުދޭން ނިންމި ވަޒީރުންނަކީ:
• ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު – ޑރ. ޢަލީ ޙައިދަރު އަޙްމަދު
• ބަންޑާރަ ނައިބު – އަޙްމަދު އުޝާމް
• އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު – ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
މިއަދުގެ ޖަލްސާގައި އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމަށް ރުހުން ދޭން ފެންނަކަމަށް 30 މެމްބަރުން ވޯޓު ދީފައިވެއެވެ. ނުފެންނަ ކަމަށް 31 މެމްބަރުން ވޯޓު ދީފައިވެއެވެ. އަދި އެޓާރނީ ޖެނެރަލް އަހުމަދު އުޝާމްއަށް ރުހުން ދޭން ފެންނަކަމަށް 24 މެމްބަރުން ވޯޓު ދިންއިރު އޭނާއަށް ރުހުން ދޭން ނުފެންނަ ކަމަށް 44 މެމްބަރުން ވޯޓު ދީފައިވެއެވެ.
ގާނޫނުއަސާސީގެ 129 ވަނަ މާއްދާގައި ބުނަނީ ކެބިނެޓް އައްޔަން ކުރުމަށް ފަހު ހަތް ދުވަސް ތެރޭގައި މަޖިލީހަށް ފޮނުވަން ޖެހޭ ކަމަށެވެ. ވަޒީރަކަށް ރުހުން ނުދީފި ނަމަ ވާނެ ގޮތެއް ގާނޫނުއަސާސީގައި އަދި ގާނޫނެއްގައި ވެސް ނުބުނެ އެވެ.
އެ މައްސަލާގައި މީގެ ކުރިން ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރެއްގައި ބުނެފައި ވަނީ ރުހުން ދޭން ނުފެންނަ ކަމަށް ނިންމިޔަސް އެ ވަޒީރަކު މަގާމުން ވަކިވާނީ ރައީސުލްޖުމްހޫރިއްޔާ އޭނާ މަގާމުން ވަކި ކުރުމުން ނުވަތަ އޭނާ އަމިއްލަ އަށް އެ މަގާމުން ދުރުވުމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް މެންބަރުން ޢައްޔަނު ކުރައްވާފައިވަނީ 17 ނޮވެންބަރު 2023 ވީ ހުކުރުދުވަހުގެ ރެއެވެ.

ކިޔުންތެރިންގެ ޚިޔާލުތައް
ރުހުންދިނުމަކީ އެމެމްބްރެއްގެ އިޚްތިޔާރުގައ އޮތްކަމެއް. އެހެން ނަމަވެސް ރުހުންނުދޭން ނިންމަންވާނީ،، ވަރަށްބޮޑުމަގުބޫލު ޢުޒުރެއް އޮވެގެން. އެފަދަ ޢުޒުރެއް ނުދެއްކި، ރުހުން ނުދިނުމުން މިކަން އިޙްސާސްވަނީ މަސްކަނޑާތޫނު ވަޅިން މީހަކު މަރާލުން ފަދަ ކަމެއްގެ ގޮތަށް. ފިނޑި ޢަމަލެއް.