އާ މާރުކޭޓާއެކު ބިދޭސީން ގޮޅިތަކުގައި ވިޔަފާރިކުރާ މައްސަލައަށް ހައްލެއް އަންނާނެ – ރައީސް

ލޯކަލް މާރުކޭޓު ހުރި ސަރަހައްދުގައި ތަރައްގީކުރާ އައު މާރުކޭޓާއެކު ވިޔަފާރިވެރިންގެ މިހާރު ހުރި ކަންބޮޑުވުންތަކަށް ޙައްލު ލިބި، ބިދޭސީން ގޮޅިތަކުގައި ވިޔަފާރިކުރާ މައްސަލައަށް ހައްލެއް އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ، އެކި ކަންކަމުގައި ޢާއްމުންގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ސުވާލުކުރެވޭ ގޮތަށް "ރައީސްގެ ޖަވާބު" ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމްގެ ތެރެއިންނެވެ.

މާލޭގެ މާރުކޭޓުގެ ހާލަތާއި ބިދޭސީން އެތަންތަނުގައި ކުރަމުން އަންނަ ވިޔަފާރިއާ ގުޅޭ ކަންބޮޑުވުން ރައީސްއާ ހިއްސާ ކުރެއްވީ ހއ. ބާރަށު، މަދޮށިމާގޭ ޢަބްދުﷲ އިބްރާހީމް މަނިކެވެ. އޭނާ ވަނީ މިހާރު ހުރި މާރުކޭޓުތަކަކީ ކާބޯތަކެތި ވިއްކަން އެކަށީގެންވާ ތަންތަން ނޫންކަން ފާހަގަކޮށްފައެވެ. އަދި މާރުކޭޓުގެ ގޮޅިތަކުގައި ބިދޭސީން ވިޔަފާރިކުރާތީ އެކަމާ ގުޅޭގޮތުން ވެސް އަބްދުﷲ އިބްރާހީމް ރައީސާ ސުވާލުކުރިއެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އައު މާރުކޭޓާއެކު އެ ހުރިހާ ކަމެއް ހައްލުވެގެންދާނެ ކަމަށެވެ. އެގޮތުން، ލޯކަލް މާރުކޭޓު ހުރި ސަރަހައްދުގައި ޒަމާނީ، އަދި ދުނިޔޭގެ އެހެން ޤައުމުތަކުގައި ވެސް ހުންނަ ފެންވަރުގެ މާރުކޭޓެއް އެޅުމަށް މާލެ ސިޓީ ކައުންސިލަށް ހުރިހާ މަގެއް ސަރުކާރުން މިހާރު ފަހިކޮށްދެއްވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އައު މާރުކޭޓުގައި މަސްމާރުކޭޓާއި ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގައި ވިއްކާ ހުރިހާ ބާވަތެއް ވިއްކާނެ ޖާގަ ހުންނާނެ ކަމަށެވެ. އަދި ގޮޅިތަކުގެ ޖާގަ ވެސް މިހާރުގެ މާރުކޭޓުތަކުގައި ހުންނަވަރަށްވުރެ ތަނަވަސްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ބިދޭސީ ވިޔަފާރިވެރިންގެ މައްސަލަ ވެސް އައު މާރުކޭޓާއެކު ހައްލުވެގެންދާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ރަައީސް ވިދާޅުވިގޮތުގައި، އެ މާރުކޭޓްގެ މަސައްކަތް އޭޕްރިލް މަސް ތެރޭގައި ފެށިގެން ދާނެއެވެ.

"ރޯދަ މަސް ނިމިގެން މިހާރު ހުރި މާރުކޭޓް ރޫޅާލާފައި، ފެށިގެން ދާނެ، ދެން ވަގުތީ މާރުކޭޓަށް ތިބޭފުޅުން ބަދަލުވާނެ. އެތަން އަޅާއިރުގައި. އެހެންވީމަ ތި މައްސަލައަށް ހައްލެއް އަންނާނެ،". ރައީސް ވިދާޅުވިއެވެ.

އަދި ބިދޭސީންގެ މައްސައަކީ ވަރަށް ބޮޑު މައްްސަލައެއް ކަމަަށާއި ދިވެހިންނަށް ގޮޅި ދޫކުރެވިގެން ދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އެކަމަކީ ސަރުކާރުގެ ތެރެއިން އިމްޕްލިމެންޓިންގގެ ހުރިހާ ފަރާތްތަކާއި ގުޅިގެން ކުރިއަށް އޮތްތަނުގައި ހައްލުވެގެން ދާނެ ކަމެއް ކަަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އާ މާރުކޭޓް އެޅިގެންދާއިރު، އެއްކޮށް ތިކަން ހައްލު ވެގެން ދާނެ،". ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *