ފްލެޓް ލިބުނުކަމަށް ކަނޑައަޅާފައިވާ އެއްވެސް މީހެއްގެ ހައްޤު ގެއްލުނަ ނުދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނަށް ސީދާ ސުވާލު ދެންނެވޭގޮތަށް ކުރިއަށްގެންދާ އަހާ ފޯރަމްގެ ތެރެއިން އާންމު ރައްޔިތަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މި ފޯރަމްގެ ތެރެއިން އާންމުންގެ ގިނަ ބަޔަކު ވަނީ ގެދޮރުވެރިކަމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ސުވާލު ދަންނަވާފައެވެ. އެގޮތުން ފޯރަމްގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އެމަނިކުފާނު ވިދާޅުވީ، މިނިވަންކަމާއި ސިޔާދަތާއި ގުޅުންހުރި ކަންކަން ނެގުމަށްފަހު ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާ ކަމަކީ ގެދޮރުވެރިކަންކަމަށެވެ. އަދި މި ސަރުކާރުގެ 5 އަހަރު ނިމިގެންދާއިރު ގެދޮރުވެރިކަން ބޭނުންވެ ނުލިބޭ އެއްވެސް މީހަކު ނުހުންނާނެކަމަށް ވިދާޅުވާ ވިދާޅުވުން އެމަނިކުފާނު ވަނީ ތަކުރާރުކުރައްވާފައެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ މިނިސްޓްރީ ތެރެއިން ހަމައެކަނި މުވައްޒަފުން އެކަނި ޗެކްކުރުމުގެ ބަދަލުގައި މުޖުތަމައުގައި މީހުން ބަލައިގަންނަ ރަނގަޅު ބޭފުޅުން ހިމެނޭ ކޮމިޓީއެއް އުފައްދަވަން ނިންމަވައިފައިވާ ކަމަށާއި އެއަށްފަހު އެ ކޮމިޓީން އެ ކަންކަން ބަލާނެ ކަމަށެވެ.
"އިތުބާރު ގެންނަން އަޅުގަނޑުމެން ކުރާ ކަމެއް އެއީ. ސަރުކާރުގެ ތެރެއިން އަމިއްލަ އަމިއްލައަށް ކުރާ ކަމަކަށް ނަހަދަންވެގެން. ރައްޔިތުން ވެސް އެ ބައެއްގެ ބަސް ގަބޫލްކުރާ ކަހަލަ ބޭފުޅުންކޮޅެއްގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް ހަދައިފައި އޭސީސީން އެ ނިންމި ނިންމުން އެ ލިސްޓު އަޅުގަނޑުމެން ކޮމިޓީ ލައްވާ ބަލާނީ… މުރާޖާކުރާނެ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
އެ ކޮމިޓީން ބެލުމަށްފަހު ގޯސްކޮށް މީހަކަށް ފްލެޓެއް ދީފައި އޮތްތޯ ނުވަތަ ނޫންތޯ ބަލާނެ ކަމަށާއި އެ ޕްރޮސެސްއަށް ވެސް ދެވޭނީ ޕޯޓަލްއަށް އެކްސެސް ލިބިގެން ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
އަދި ކޮމެޓީން ބަލާއިރު ފްލެޓް ލިބިފައި އޮތް މީހަކު ޝަރުތުހަމަނުވެ ފްލެޓް ނުލިބޭ މީހެއް ކަމަށް ކަނޑައެޅުނަސް އެމީހެއްގެ ހައްޤު ގެއްލުނަ ނުދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"އެމީހާގެ ހައްޤު އެއްކޮށް ގެއްލުނަކަ ނުދޭނަން. އަދި އަޅުގަނޑުމެން ބައިވަރު ހައުސިން މަޝްރޫއުތައްވެސް ހިންގަން އެބަހުރި މިއަހަރު ތެރޭގައިވެސް ފަށަން. އެއްވެސް މީހަކު ގެދޮރުވެރިކަން ނެތިގެންދާނެގޮތެއް ނުވާނެ." ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރިން އޮތް ސަރުކާރުން ދޭން ނިންމާފައި ހުރި ބައެއް ފްލެޓްތައް ދެން އަންނަ ސަރުކާރަކުން ނުދޭން ނިންމާފައިވެސް އެބަހުރިކަމަށެވެ. އަދި ސަރުކާރުން ހިންގާ އެންމެ ފުރަތަމަ ސޯޝަލް ހައުސިން މަޝްރޫއެއްގެ ތެރެއިން އެފަރާތްތަކަށް ފްލެޓް ލިބޭނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
