އާދިއްތަ ދުވަހު ވޯޓުލާން ނިންމީ ޤާނޫންގައިވާ މުއްދަތަށް އައު މަޖިލިސް ނުހޮވިދާނެތީ: ފުއާދު

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޭޕްރީލް 21 ވާ އާދިއްތަ ދުވަހު ބޭއްވުމަށް ނިންމެވީ އިންތިޚާބު ލަސްކޮށްފިނަމަ ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަށް އައު މަޖިލިސް ނުހޮވިދާނެ ކަމަށް ފެންނާތީ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތަޢުފީޤު ވިދާޅުވެއްޖެއެވެ. މީގެ ކުރިން އިންތިޚާބުތައް ބާއްވަމުން އައިސްފައިވަނީ ސަރުކާރު ބަންދު ހޮނިހިރު ދުވަހުއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފުއާދު ވިދާޅުވީ އޭޕްރީލް 21ވާ އާދިއްތަ ދުވަހަކީ ރޯދަ މަސް ނިމިގެން 10 ދުވަސް ދިނުމަށް ފަހު ލިބޭ ފުރަތަމަ ދުވަސް ކަމަށެވެ. އަދި މިދުވަހު ވޯޓުލުން ކުރިއަށް ގެންދަވަން ނިންމެވީ މިދުވަހަށްވުރެ އިތުރަށް ލަސްކޮށްފިނަމަ ޤާނޫންގައިވާ ގޮތަށް މިހާރު އޮތް މަޖިލިސް އުވުމުގެ 1 މަސް ދުވަސް ކުރިން އައު މަޖިލިސް ނުހޮވިދާނެތީ ކަމަށް ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ އޭޕްރިލް 21 ވަނަ ދުަވަހު ހެނދުނު 8:00 އިން ހަވީރު 4:00 އަށް މަޖިލީސް އިންތިހާބުގެ ވޯޓުލުން ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ

ދައުލަތުގެ ބަންޑާރަ ނާއިބު ލަފާދެއްވުމާއި ގުޅިގެން، އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވީ 29 ފެބުރުއަރީ ވީ ބުރާސްފަތި ދުވަހުއެވެ. މި އިސްލާހުގައިވާ ގޮތުން އެއްވެސް އިންތިޚާބެއް ރަމަޟާން މަހުގެ ތެރޭގައި ނުބޭއްވޭނެއެވެ. އެހެންކަމުން އިލެކްޝަންސް ކޮމިޝަނުން ވަނީ މި މަހުގެ 17 ވަނަ ދުވަހު ބާއްވަވަން ނިންމެވި އިންތިޚާބު އަންނަ މަހުގެ 21 ވަނަ ދުވަހަށް ފަސްކުރައްވާފައެވެ.

މިއިންތިޚާބުގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީ ކުރުމަށް ދެވަނަ ފުރުސަތެއް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށްވެސް އެކޮމިޝަނުންވަނީ ހާމަކުރައްވާފައެވެ. އެގޮތުން އަލުން ރީރެޖިސްޓްރީވާން 3 ދުވަހުގެ މުއްދަތެއް ދޭނެއެވެ.

ވޯޓުލާ ތާރީޚަށް ގެންނެވި ބަދަލާއެކު މަޖިލިސް އިންތިޚާބުގައި 560 މީހުންނަށް އަލަށް ވޯޓުލުމުގެ ޙައްގު ލިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ހާމަކުރައްވާފައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *