ދިވެހިބަސް ސަލާމަތްކުރެވޭނީ ބަސް ސަލާމަތްކުރަންޖެހޭކަން ގިނަ ބަޔަކު ޤަބޫލުކޮށްގެން

ދިވެހިބަސް ސަލާމަތްކުރެވޭނީ ބަސް ސަލާމަތްކުރަންޖެހޭކަން ގިނަ ބަޔަކު ޤަބޫލުކޮށްގެން ކަމަށާއި، އެގޮތުން ބަސް ސަލާމަތްކުރަންޖެހޭކަން ޤަބޫލުކުރެވޭނީ ބަހުގެ މުހިންމުކަން އެނގުމުންކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ދިވެހިބަހުގެ އެކެޑެމީން އިންތިޒާމްކޮށްގެން ބޭއްވި އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ.

އާދަމް ނަޞީރު ވިދާޅުވީ ދިވެހިބަސް ސަލާމަތްކުރަންޖެހޭ ކަމުގެ ވާހަކަ ވަރަށް ގިނައިން އިވޭ ކަމަށެވެ. އަދި ދިވެހިބަހަށް އިސްކަންދިނުމުގެ ޤާނޫނެއް ހެދިފައި އޮތް ނަމަވެސް، ބަސް ސަލާމަތްކުރަންޖެހޭކަމަށް ބުނެ ގިނަ ބަޔަކު ވާހަކަދައްކަނީ ކީއްވެގެންކަމާމެދު ވިސްނަންޖެހޭކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އާދަމް ނަޞީރު ވިދާޅުވީ ދިވެހި ޤައުމިއްޔަތުގައި، ދިވެހި ބަސް އަދާކުރާ ދައުރާއި ބަސް މުހިންމުވާ ސަބަބުތައް ގިނަ ބަޔަކަށް އެނގެންޖެހޭ ކަމަށެވެ. އެކަމުން ބަސް ސަލާމަތްކުރުމަށް ގިނަ ބަޔަކު މަސައްކަތްކޮށް ބަސް ދެމެހެއްޓޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން ގިނަ ބަޔަކު ދިވެހިބަހަށް ހޭލުންތެރިކުރުމުގެ މަޝްރޫޢެއް ކަމާގުޅޭ އިދާރާތަކާއި މުއައްސަސާތަކާ ގުޅިގެން ކުރިއަށްގެންދިޔުމަށް ރާވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ދިވެހިބަހުގެ އެކެޑެމީން ބޭއްވި އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި އެކެޑެމީން ބޭއްވި 4 މުބާރާތެއްގެ ނަތީޖާ ވަނީ ފާޅުކޮށްފައެވެ. އެއީ ވާހަކަދެއްކުމުގެ ޤައުމީ މުބާރާތާއި، ޅެން ހެދުމުގެ ޤައުމީ މުބާރާތާއި، މަޒުމޫނު ލިޔުމުގެ ޤައުމީ މުބާރާތާއި، ކުރުވާހަކަ ލިޔުމުގެ ޤައުމީ މުބާރާތެވެ. މި މުބާރާތްތައް ކުރިއަށް ގެންގޮސްފައިވަނީ ދަރިވަރުންގެ އިތުރުން އަމިއްލަ ފަރާތްތަކަށް ވެސް ބައިވެރިވެވޭ ގޮތަށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *