އެސްއޯގެ އޮޕަރޭޝަންތަކަށް ސީޕީގެ ހުއްދަ ނަގަންޖެހޭ ގޮތަށް ބަދަލުކޮށްފި

ޚާއްޞަ ހާލަތުގައި ހަރަކާތްތެރިވާން ފުލުހުންގެ ތެރޭގައި ތިބޭ އެސްއޯ ފުލުހުން އެކިއެކި އޮޕަރޭޝަންތަކަށް ނެރުމުގެ ކުރިން ޕޮލިސް ކޮމިޝަނަރުގެ ސީދާ ހުއްދަ ނަގަން ޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.

އެސްއޯ ފުލުހުންގެ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވަނީ ހާއްސަ ފިޔަވަޅުތަކެއް ވަގުތުން އެޅުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މެދުވެރިކުރައްވައި، ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އަށް އަންގަވާފައި ކަމަށް ހޯމް މިނިސްޓްރީން ދެންމެ ނެރުނު ބަޔާނެއްގައި ބުންޏެވެ.

އޭގެ ތެރޭގައި ހިމެނެނީ:

1- ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން އެންގޭޖު ވާން ޖެހޭނެ އޮަޕަރޭޝަނަލް ހާލަތުތައް އަލުން ކަނޑައަޅައި، އެ ހާލަތުތަކުގައި ވެސް އެސްއޯ ފުލުހުން ނެރުމުގެ ކުރިން ޕޮލިސް ކޮމިޝަނަރުގެ ސީދާ ހުއްދަ ހޯދުން.

2- ފުލުހުންގެ އޮޕަރޭޝަނަލް ކޮމާންޑް އެންޑް ކޮންޓްރޯލް އަލުން ރީސްޓްރަކްޗާކޮށް، މިހާރު ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުން.

3- ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ސަރަހައްދަށް އެސްއޯ ފުލުހުން ރޭ ނެރުނު ގޮތް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ތަހުގީގުކޮށް، އެއްވެސް މީހަކު އިހުމާލު ވެފައިވާ ނަމަ އެ މީހަކަށް ގާނޫނީ ފިޔަވަޅު އެޅުން.

4- އޮޕަރޭޝަނަލް ހާލަތުތަކުގައި މީޑިއާ އަށް މައުލޫމާތު ދިނުމުގައި އަމަލުކުރާ އުސޫލު މުރާޖައާކޮށް، މިހާރަށް ވުރެ ދެފުށް ފެންނަ އަދި ތަފުސީލުކޮށް ރައްޔިތުންނަށް މައުލޫމާތު ހާމަކުރެވޭނެ ގޮތްތައް ކަނޑައެޅުން.

5- ޣިޔާސުއްދީން ސްކޫލް ކައިރީގައި އެސްއޯ ފުލުހުން ރޭ ބާރުގެ ބޭނުންކޮށްފައިވާ ގޮތް "ޔޫޒް އޮފް ފޯސް ރިވިއު ކޮމިޓީ" އިން ބަލައި ފިޔަވަޅު އެޅުން.

ފުލުހުންގެ ސްޕެޝަލިސްޓް އޮޕަރޭޝަންތައް ހަރުދަނާ ކުރަން ހާއްސަ ފިޔަވަޅުތަކެއް މި އެޅީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ އުފައްދަން މަސައްކަތްޕުޅު ކުރެއްވި ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ޣިޔާސުއްދީން ސްކޫލްގެ ހޯލްގައި ބޭއްވުމުގެ ހުއްދަ ދިނުމަށް ފަހު އަންގާރަ ދުވަހު މެންދުރު އެ ހުއްދަ އެ ސްކޫލުން ބާތިލްކުރުމުން ވެސް އެ ޖަލްސާ އެ ހޯލުގައި ބާއްވަން އެރޭ ކުރި މަސައްކަތް ހުއްޓުވަން އެސްއޯ ފުލުހުން ހަރަކާތްތެރިވުމާ ގުޅިގެންނެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވެފައި ވަނީ، އެ ސްކޫލް ކައިރީގައި ހިނގައި ދިޔަ ކަންކަމާ މެދުގައި ވަރަށް ބޮޑަށް ހިތާމަ ކުރައްވާ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި އެންމެ ފަހުން ފުލުހުންނާ ބައްދަލު ކުރައްވައި އަދި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުއަށް ވެސް ދެއްވި އިރުޝާދަކީ ސިޔާސީ ގޮތުން މީހަކަށް އަނިޔާއެއް ނޫނީ ގޯނާއެއް ކުރާކަށް ނާންގަވާނެ ވާހަކަ ކަމަށެވެ. އަދި ސަރުކާރުގެ އެއްވެސް ލެވެލްއަކުން އެކަން ނުހިނގާނެ ކަމަށާއި އެކަމެއް ހިނގައިފި ނަމަ، އެމަނިކުފާނު އިސްވެ ފިޔަވަޅު އަޅުއްވާނެ ކަމެއްކަން ދަންނަވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ފުލުހުން މަސައްކަތް ކުރާށޭ (ދެންނެވިން) ކުރީގައި ދިޔަ ތަން ދޫކޮށްލާފައި ފްރީކޮށް، ޕްރޮފެޝަނަލީ. އެެއީ އަޅުގަނޑުގެ ސިޔާސަތަކީ،" ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *