ރަސްމީ ފާލަމުގެ މަތީބައިގައި ހުރި ރިޔާތަށް ނަގައި ބަދަލުގައި ކުރީގެ ރައީސް އަމީންގެ ވެރިކަމުގައި ހުރިފަދަ ގޮތަކަށް ފިލައިން ހިޔާގަޑު ހެދުމަށް ނިންމައިފި އެވެ.
ރަސްމީ ފާލަން މަރާމާތު ކުރުމަށް ފާލަން ހުރި ސަރަހައްދުގައި ފާލަން މަރާމާތު ކުރުމަށް ހަވާލުކުރި އެމްޓީސީސީއިން ވަނީ ފިލާ ޖަހައި ބަންދު ކޮށްފައެވެ. އަދި އެއާއެކު އާއްމުންގެ ބޮޑު ސަމާލުކަމެއް ވަނީ ދަމައިގަނެފަ އެވެ.
ގައުމީ ޔުނިވާސިޓީ ޗާންސެލާ އަދި ކްރިޓިކަލް ތިންކިން އިން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ޑރ. ހަސަން ހަމީދު ވަނީ އޭނާގެ ބްލޮގް ޕޯސްޓެއްގައި ވެސް މި ވާހަކަ ލިޔުއްވައިފަ އެވެ. އަދި އޭނާ ވަނީ އެ ފާލަން ކުރިން ހުރި ގޮތުގެ އަމިއްލަ ކުރެހުމެއް ވެސް އެ ޕޯސްޓުގައި ހިމަނުއްވައިފަ އެވެ.
ޑރ. ހަސަން ހަމީދު ވިދާޅުވީ ގިނަ ބަޔެއްގެ ހަދާނުގައި ރާއްޖޭގައި ރަސްމީ ތިން ފާލަމެއް ފެނިގެން ހިގައްޖެ ކަމަށާއި ކޮއްމެ ފަހަރަކުވެސް ފާލަން ބަދަލު ކުރަނީ ފާލަން ހަލާކުވުމުން އެއްކޮއް ރޫޅާލައިގެން ކަމަށެވެ. ހަސަން ވިދާޅުވީ އަމީންގެ ދައުރުގައި ހަދާފައިވާ ފާލަމުގެ ފަރުމާ ހަދާފައިވަނީ އަބްދުލްހަކީމް ހުސައިން މަނިކު (ގްލޯރީގެ) ކަމަށް އެ ބްލޮގް ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
އެފާލަން ކުރީގެ ރައީސް މައުމޫން ވެރިކަމުގައި ވަނީ ރޫޅާލައި ނަގާފައެވެ. އަދި އޭގެ ފަހުން މައުމޫން ވަނީ އެތަނުގައި ލަކުޑިން ފާލަމެއް އަޅާފައެވެ. އޭގެ ފަހުން ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ވަނީ މިހާރުފާލަން ހުރިގޮތަށް ރިޔާ ތަކަކާއެކު ފާލަން ހަދާ އިއްޒުއްދީން ފާލަމުގެ ނަމުން ރަސްމީ ފާލަމަށް ނަންދީފަ އެވެ.
މިހާރު ހުރި ފާލަމަކީ މިނިވަން 50އަށް އެޅި އެ ރަސްމީ ފާލަަމެވެ. އެ ފާލަން ހުޅުވީ 30 ޖުލައި 2015 ގައެވެ. އެ ފާލަމަކީ، ކެވްލަރ ކިޔާ ބާވަތުގެ ސަތަރީގެ ރިޔާތަކަކުން ހިޔާކޮށް، ދަގަނޑުން ހަދާފައިވާ ފާލަމެއް ކަމަށާއި ކެވްލަރ އަކީ ގިނަ ދުވަހަށް ދެމިހުންނަ ބާވަތެއްގެ ވަރަށް ވަރުގަދަ ޕްލާސްޓިކެއް ކަމަށް ހަމީދު ވިދާޅުވިއެވެ. ކެވްލަރ އެންމެ ފުރަތަމަ ބޭނުންކުރި އެއް ތަނަކީ ޖިއްދާގައި ހުންނަ ޙައްޖު ޓާމިނަލެވެ.
މި ރިޔާތައް ދަމާފައިވަނީ ދަގަނޑު ފަރުމާނުތަކަކާއި ކުނބުތަކެއް ބޭނުންކޮށްގެންނެވެ. ރިޔާތަކުގެ ތިރީގައިވަނީ ހަތަރެސްކަން އާދައިގެ ދަގަނޑުން މަތިވަޑާންގަނޑު ހަދައި، ޕޮލީކާބަނޭޓް ކިޔާ ބާވަތުގެ ދެރަ ޕްލާސްޓިކް ޖަހާފައިވާ ބައެކެވެ. ބަލައިލާ ބެލުމަށް ވަރަށް ދޭސީ ކަމަށާއި ފާލަން ހެދީ ޗައިނާގެ އެހީގައި އެމްޓީސީސީއިން ކަމަށް ހަމީދު ވިދާޅުވިއެވެ. އަދި ފާލަމުގެ އާދަޔާ ޚިލާފު އެއްކަމަކީ ކުދި ލޯންޗުފަހަރު ބޮޑު ރިޔާދަށަށް ވަދެ (ހިޔަލުގައި) އަރައިފައިބާ ހެދޭކަން ކަމަށް ވެސް ވިދާޅުވިއެވެ.
ފާލަމުގެ މަތީބަޔާއި ފާލަން ހަލާކުވެފައި ވުމުގެ ސަބަބުން މިހާރު އަނެއްކާވެސް މިވަނީ ފާލަމުގެ ޑިޒައިން 1950 ގަ ހުރި ފަދަ ގޮތަކަށް ހެދުމަށް ސަރުކާރުން ތައްޔާރުވެފަ އެވެ.
