މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އޮރެންޖް އެލަރޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އޮރެންޖް އެލާޓް ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން ވ. އަތޮޅު ހިމެނޭ ސަރަހައްދަށް މިއަދު މެންދުރު 12:00 އާ ހަމައަށެވެ. މޫސުމާ ބެހޭ އިދާރާއިންވަނީ، އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހި، ގަޑިއަކު 34 މޭލާއި 40 މޭލާއި ދެމެދަށް ވައި ޖެހޭނެ ކަމަށް ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެ ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށް އެއިދާރާއިން ނެރެފައިވާ އެލަރޓްގައި ލަފާކޮށްފައިވެއެވެ.
މީގެ އިތުރުން ހއ. އިން ފެށިގެން ބ. އަތޮޅާއި ހަމައަށްވެސް މެންދުރު 12:00 އާ ހަމައަށްވަނީ ޔެލޯ އެލާޓް ނެރެފައެވެ. މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި މިސަރަހައްދަށްވެސް ވައިގަދަވެ، ކަނޑުގަދަވެ، ބޯކޮށް ވާރޭވެހި ވިއްސާރަ ކުރާނެއެވެ.
