ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް، ރައީސްގެ ސްޕެޝަލް އެޑްވައިޒަރު އަދި ފޮނަދޫ ދާއިރާގެ އިންތިޚާބީ މެމްބަރު އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ) އަދި ނައިބް ރައީސަކަށް ދިއްގަރު ދާއިރާގެ އިންތިހާބީ މެމްބަރު އަޙްމަދު ނާޒިމް އިންތިހާބު ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ހުށަހަޅުއްވައިފި އެވެ.
މިކަން ހުށަހެޅުއްވީ، 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގެންނެވި ޕީއެންސީގެ އިންތިޚާބީ މެންބަރުންނާއި އެޕާޓިގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވަނީ މުލިއާގޭގައި ބައްދަލުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ޕީއެންސީގެ ރައީސްގެ ހައިސިއްޔަތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މަޖިލީހުގެ މަގާމުތަކަށް ކަނޑައެޅުއްވުމަށް ބޭނުންފުޅުވާ ނަންފުޅުތައް ހުށަހަޅުއްވާފައެވެ. އެގޮތުން، މަޖިލީހުގެ ރައީސްކަމަށް ފޮނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު އަބްދުއްރަޙީމް ޢަބްދުﷲ އިންތިޚާބު ކުރެއްވުމަށާއި، ނައިބު ރައީސަކަށް ދިއްގަރު ދާއިރާގެ އިންތިޚާބީ މެންބަރު އަޙްމަދު ނާޒިމް އިންތިޚާބު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހުށައެޅުއްވިއެވެ. އަދި މި ނަންފުޅުތައް ޕީއެންސީގެ ޕީޖީގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
މިދިޔަ މަހުގެ 21 ވަނަ ދުވަހު ބޭއްވި މަޖިލިސް އިންތިޚާބު ކާމިޔާބު ކުރެއްވި މެންބަރުން ހުވާކުރެއްވުން އަންނަ ހަފުތާގެ އަންގާރަ ދުވަހަށް ވަނީ ތާވަލުކޮށްފައެވެ. އެ އިންތިޚާބުގައި މަޖިލީހުގެ ސުޕަރ މެޖޯރިޓީ، ސަރުކާރު ހިއްސާވާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސުން ވަނީ ނަގާފައެވެ.
އައު މަޖިލިސް ހުވާ ކުރެއްވުމަށްފަހު މަޖިލީހުގެ ރައީސާއި ނައިބު ރައީސް އަދި އެހެނިހެން މަގާމުތަކަށް މެންބަރުން އައްޔަން ކުރާނެއެވެ. މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިޚާބު ކުރާނީ މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.
ޕީއެންސީގެ ޓިކެޓުގައި 20 ވަނަ މަޖިލީހަށް ވާދަކޮށް 66 ކެންޑިޑޭޓުން ވަނީ އިންތިޚާބު ކާމިޔާބު ކުރައްވާފައެވެ. އަދި އަމިއްލަ ގޮތުން ވާދަކުރެއްވި ހަތް މެންބަރަކު ވެސް މިހާރު އެ ޕާޓީއާ ގުޅިވަޑައިގަތުމާއެކު މިހާރު މަޖިލީހުގައި ކޮންގްރެސް ޕާޓީ ތަމްސީލުކުރައްވާ މެންބަރުންގެ އަދަދު ވަނީ 74 އަށް އަރާފައެވެ.
