އިންޑިއާގައި ބޭއްވި ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބުގައި މިހާރުވެސް އެ ގައުމުގެ ބޮޑުވަޒީރުކަން ކުރައްވަމުންގެންދަވާ ނަރެންދުރަ މޯދީ އެ ގައުމުގެ އިންތިޚާބު ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ކާމިޔާބު ކުރައްވާފައިވާތީ އެ ކާމިޔާބީއާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް މަރުހަބާ ދަންނަވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، އެމަނިކުފާނު ފާހަގަކުރެއްވީ މާޒީގައިވެސް މޯދީގެ ލީޑަރޝިޕްގެ ދަށުން އިންޑިޔާވަނީ ކުރިއެރުންތަކެއް ހޯއްދަވާފައިކަމަށާއި އަދި ޝައްކެއްވެސްނެތްގޮތުގައި ބޮޑުވަޒީރު މޯދީ އާއި އެމަނިކުފާނުގެ ސަރުކާރުގެ ކޯލިޝަނުން އިތުރު ކުރިއެރުމާއި ހެޔޮ ނިންމުންތަކުގެ އާ ޒަމާނަކަށް އިންޑިއާ ވާނެކަމަށެވެ.
މީގެ އިތުރުން ޤާސިމް އިބްރާހިމް ފާހަގަކުރެއްވީ އަވަށްޓެރި ޤައުމެއްގެ ގޮތުގައި ދިވެހިން އެދެނީ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީކަމުގައިވާ އިންޑިއާގެ ސުލްހައާއި ތަނަވަސްކަމާއި ހަމަޖެހުމަށް ކަމަށާއި އަދި ނަރެންދުރަ މޯދީގެ އާ މެންޑޭޓާއެކު، ރާއްޖެއާއި އިންޑިޔާގެ ގުޅުން އިތުރަށް ރަނގަޅުވާނެ ކަމަށެވެ.
އިންޑިއާގައި ހަ ހަފްތާވަންދެން ކުރިއަށްދިޔަ އިންތިޚާބަށް ފަހު އިންޑިއާގެ 640 މިލިއަން ވޯޓުގެ ބޮޑު ބައެއް ގުނާފައިވާއިރު، ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގެ މި އިންތިޚާބުގައި ގިނަމީހުން ހީވެސްނުކުރާކަހަލަ ނަތީޖާއެއް ދަނީ ފެންނަމުންނެވެ.
ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް 240 ގޮނޑި ވަނީ ލިބިފައެވެ. ޖުމްލަ 543 ގޮނޑި ހިމެނޭ އިންޑިއާގެ ޕާލަމެންޓްގެ އަޣުލަބިއްޔަތު ލިބެނީ 272 ގޮނޑިންކަމަށްވާއިރު މިއީ މޯދީއަށް ސީދާ އަޣުލަބިއްޔަތު ނުލިބޭ ދަށް އަދަދެކެވެ . ނަމަވެސް ބީޖޭޕީގެ ކޯލިޝަން ޕާޓީގެ ކާމިޔާބާއިއެކު ބީޖޭޕީއަށް އަދިވެސް ވަނީ އަޣުލަބިއްޔަތު ލިބިފައެވެ.
