ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރުގައި ރުހުން ނުދިން ތިން ވަޒީރުންނަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ކެބިނެޓަށް އައްޔަން ކުރެއްވި 22 ވަޒީރުންގެ ތެރެއިން އެމްޑީޕީން ވިޕެއް ނެރުނީ ހަތަރު މިނިސްޓަރަކަށް ރުހުން ނުދިނުމަށެވެ. ވަކި ސަބަބެއް ނެތި، އޭގެ ތެރެއިން ތިން މިނިސްޓަރަކަށް ރުހުން ނުދޭން މަޖިލީހުން ފާސްކުރި އެވެ.
އެއީ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި އެޓާނީ ޖެނަރަލް އަހުމަދު އުޝާމާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
ތިން ވަޒީރުންނަށް ރުހުން އޮތްތޯ ބެލުމަށް ވަކިވަކިން މިއަދު އެހި ވޯޓުގައި ހައިދަރަށް ރުހުން އޮތް ކަމަށް ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި 81 މެންބަރުންގެ ވޯޓުންނެވެ. އުޝާމަށް ރުހުން އޮތްތޯ ބެލުމަށް ނެގި ވޯޓުގައި އޭނާއަށް ލިބިވަޑައިގެންނެވީ 87 މެންބަރުން ވޯޓެވެ. ޝަހީމަށް ރުހުން އޮތް ކަމަށް ވޯޓު ދެއްވީ 83 މެންބަރުންނެވެ.
ތިން ވަޒީރުންނަށް ރުހުން ހޯދުމުގެ މައްސަލަ މަޖިލީހަށް ފޮނުވުމާއެކު, ސަރުކާރުގެ ސުޕަ މެޖޯރިޓީއާ އެކީ ފެށި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ވަނީ ތިން ވަޒީރުންނަށް ރުހުން އޮތް ކަމަށް މިދިޔަ ހަފްތާގައި ފާސްކޮށްފަ އެވެ.
