ޣައްޒާގެ ދެކުނުގައި ޢުދުވާން ހިންގުން ވަގުތީ ގޮތުން މެދުކަނޑައިލަނީ

ޣައްޒާގެ ދެކުނުގެ ބައެއް ސަރަޙައްދުތަކުގައި ލާއިންސާނީ ޢުދުވާންތައް ހިންގުން ވަގުތީ ގޮތުން މެދުކަނޑައިލަން ނިންމާފައިވާ ކަން ޔަހޫދީ ފައުޖުން ހާމަކޮށްފިއެވެ. މިއީ, ޣައްޒާގައި ބިކަކޮށް ނިކަމެތި ކޮށްފައިވާ 2.3 މިލިޔަން މުސްލިމުންނަށް ބޭނުންވާ އިންސާނީ އެހީގެ ސާމާނު އެ ސަހަރަށް ވެއްދުމުގެ ފުރުޞަތު ދިނުމުގެ ގޮތުން އަޅަން ނިންމާފައިވާ ފިޔަވަޅެއް ކަމުގައި ޔަހޫދީ ފައުޖުން ބުންޏެވެ.

މިއީ, ޔަހޫދީ ފައުޖުން ނިންމާފައިވާ ނިންމުމަކަށް ވާއިރު, އިސްރާއީލުގެ ސަރުކާރުން މި ކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. އަދި, ޔަހޫދީ ފައުޖުގެ މި ނިންމުމުގެ މަޢުލޫމާތު އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި ޖައްބާރު ދިފާޢީ ވަޒީރު ޔޮއަވް ގަލާންޓަށް ނޭނގޭ ކަމުގައި ވެސް ރިޕޯޓުތައް ބުނެއެވެ.

ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމުގެ ފުރުޞަތު ދިނުމުގެ ގޮތުން, އެ ސަހަރުގެ ދެކުނުގެ ބައެއް ސަރަޙައްދުތަކުގައި ޢުދުވާން ހިންގުން ކޮންމެ ދުވަހަކު ވެސް ވަކި ވަގުތުތަކެއްގައި މެދުކަނޑައިލާނެ ކަމުގައި ޔަހޫދީ ފައުޖުން ބުންޏެވެ. ނަމަވެސް, ޣައްޒާގެ އެންމެ ދެކުނުގައި, މިލިޔަނެއްހާ ރެފިއުޖީން ތިބި ރަފަޙުގައި ޢުދުވާން ހިންގުން މެދުކަނޑައިލަން ޔަހޫދީ ފައުޖުން ވަނީ ދެކޮޅު ހަދާފައެވެ. ޢުދުވާން ހިންގުން ވަގުތީ ގޮތުން މެދުކަނޑައިލަން ނިންމާފައި ވަނީ ކާރިމް އަަބޫ ސާލިމް ހުރަހާއި ޞަލާޙިއްދީން މަގުގެ އުތުރުން އޮތް ސަރަހައްދުތަކުގައެވެ.

ޣައްޒާގެ ދެކުނުގައިވާ ބައެއް ސަރަޙައްދުތަކުގައި ވަކި ވަގުތުތަކެއްގައި ޢުދުވާން ހިންގުން މެދުކަނޑައިލަން ނިންމުމުން އދއިން ވަނީ އެ ނިންމުމަށް މަރުޙަބާ ކިޔާފައެވެ. އަދި, ޣައްޒާއަށް ކާބޯތަކެތި އެތެރެ ކުރަން ހުރަސް އެޅުން ހުއްޓައިލައި, މިހާރަށްވުރެ ހަރުދަނާ އުސޫލުތަކެއްގެ ދަށުން ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމުގެ ފުރުޞަތު ދިނުމަށް އދ އިން ގޮވައިލިއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *