މިނިމަން ވޭޖް ރިވިއު ކުރުމުގެ މަސައްކަތް ޑިސެމްބަރަށް ނިމޭނެ: ހައިދަރު

މަސައްކަތްތެރިންނަށް ދެވޭ އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް މުރާޖައާކުރުމުގެ މަސައްކަތް މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް ލޭބަރ މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެއެވެ.

މިކަން މިނިސްޓަރު ހާމަކުރެއްވީ މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މި މަސައްކަތް ކުރިއަށްދަނީ އިންޓަނޭޝަނަލް ލޭބަރ އޮގަނައިޒޭޝަން (އައިއެލްއޯ) އާ ގުޅިގެންނެވެ.

މިނިސްޓަރު ހައިދަރު ވިދާޅުވި ގޮތުގައި މި މުރާޖައާގެ މަސައްކަތް ކުރިއަށްދަނީ ދެ މަރުހަލާއެއްގެ މަތިންނެވެ. މިގޮތުން ފުރަތަމަ މަރުހަލާގައި ރާއްޖޭގައި މިނިމަމް ވޭޖް ތަންފީޒުކުރެވެމުންދާ ގޮތުގެ މުރާޖައާއެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތަށް ބޭނުންވާ އަސާސީ މައުލޫމާތު އެއްކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައިކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިމަމް ވޭޖަކީ ވަރަށް ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއެކު، ދިރާސާތަކުގެ މައްޗަށް ބިނާކޮށް ކަނޑައަޅަންޖެހޭ ކަމެއްކަމާއި މި ދިރާސާގެ މަސައްކަތް މި އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ނިންމާލެވޭތޯ މަސައްކަތްކުރަމުން ގެންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *