އިސްރާއިލަށް ދަތުރުކުރަނިކޮށް ގޮއްވާލި އާގުބޯޓް ރަތް ކަނޑު އަޑިއަށް

ގްރީސްގެ މުދާ އުފުލާ ބޯޓަކަށް ޔަމަނުގެ ހަތިޔާރު އެޅި ޖަމާޢަތެެއް ކަމަށްވާ ޙޫޘީން ޙަމަލާދީ އެ ބޯޓު ފައްތާލައިފިއެވެ. އެ ބޯޓަކީ ޔަހޫދީންނަށް މުދާ އުފުލައިދޭ ބޯޓެކެވެ.

އެޓާނިޓީ ސީގެ ނަމުން ނަންދީފައިވާ މި މުދާ އުފުލާ ބޯޓު ދަތުރުކުރަމުން ދިޔައީ ރަތްކަނޑުންނެވެ. އެ ބޯޓަށް ޙަމަލާ ދިނުމަށް ޙޫޘީން ތަފާތު ގިނަ ހަތިޔާރު ބޭނުންކޮށްފައިވެއެވެ. އެ ހާދިޘާގައި ބޯޓުގެ ހަތަރު ފަޅުވެރިން މަރުވެފައިވާއިރު ދެ މީހުންނަށް ވަނީ ޒަޚަމްވެފައެވެ. ފެތެމުންދިޔަ އުޅަނދުން މިހާތަނަށް ހަ މީހުން ސަލާމަތްކޮށްފައިވާއިރު ވީނުވީއެއް ނޭނގި 15 މީހުން ވަނީ ގެއްލިފައެވެ.

ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނަސްލުހޭދު ކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ދޭން ފެށި ލާއިންސާނީ ޢުދުވާނީ ޙަމަލާތަކާ ގުޅިގެން އެ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޙޫޘީން ވަނީ ޣައްޒާގެ ރައްޔިތުންނާއެކު ވާ ކަމަށް ބުނެ ޔަހޫދީންނާ ގުޅުންހުރި އާގުބޯޓުފަހަރުަތަކަށް ޙަމަލާ ދޭން ފަށައިފައެވެ. އޭގެ ތެރޭގައި އެމެރިކާގެ ބޯޓުފަހަރު ވެސް ހިމެނެއެވެ. އެ ގޮތުން 2023ވަނަ އަހަރުގެ ނޮވެމްބަރު މަހާއި މި އަހަރުގެ ޖަނަވަރީ މަހާ ދެމެދު ޙޫޘީން ވަނީ އާގުބޯޓުފަހަރު ދަތުރުކުރާ މައި މަގުތަކަށް ޢަމާޒު ކޮށް 100އަށް ވުރެ ގިނަ ޙަމަލާ ދީފައެވެ. އެ ޙަމަލާތަކުގައި ދެ އުޅަނދު ފައްތާލައި އިތުރު އުޅަނދެއް ވަނީ ޙޫޘީންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި ޙަމަލާތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ވިޔަފާރިއަށް ބުރޫ އަރައި ބޯޓުފަހަރު ދަތުރު ކުރާ މަގު ބަދަލު ކުރުމަށް މަޖުބޫރުވިއެވެ. އޭގެ ސަބަބުން ވިޔަފާރި ބޯޓުތައް ދަތުރު ކުރަން ޖެހޭ މަގު ދިގުވެ ދަތުރުތަކަށް ހިނގާ ޚަރަދު ވެސް އިތުރުވެގެން ދިޔައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *