އުއްތަމަ ފަނޑިޔާރު އަންނަ ހަފްތާ ރިޓަޔަރކުރައްވަނީ

އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަހުމަދު މުއުތަސިމް އަދުނާން އެ މަޤާމުން ޝަރަފްވެރިކަމާއެކު ރިޓަޔަރ ކުރެއްވުމުގެ ފުރުސަތު ދެއްވަން ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީން ނިންމަވައިފިއެވެ.

އުއްތަމަ ފަނޑިޔާރު ރިޓަޔާވެ ވަޑައިގަތުމަށް ހުށަހެޅުއްވީ މިދިޔަ މެއި މަހުއެވެ. އެ މަނިކުފާނަށް އެ ފުރުސަތު ދެއްވުމަށް ނިންމަވާފައިވާކަން ޖޭއެސްސީން ވަނީ ޕީއެސްއެމް ނިއުސްއަށް ކަށަވަރުކޮށްދެއްވާފައެވެ. ޖޭއެސްސީން ވިދާޅުވީ އެކަމުގެ މަޢުލޫމާތު އަންނަ ހަފްތާގައި އާންމުކުރައްވާނެކަމަށެވެ.

މިއީ މިހާރު އަމަލުކުރާ ގާނޫނުއަސާސީގެ ދަށުން ޝަރަފްވެރިކަމާއެކު ރިޓަޔާވެ ވަޑައިގަންނަވާ ފުރަތަމަ އުއްތަމަ ފަނޑިޔާރެވެ. މީގެ ކުރިން އައްޔަންކުރެއްވި ހުރިހާ އުއްތަމަ ފަނޑިޔާރުންނަކީ މަގާމުން ދުރުކުރެއްވި ބޭފުޅުންނެވެ.

އަޙްމަދު މުއުތަސިމް އަދުނާން ބެޗިލަރ އޮފް ލޯސް ޙާޞިލުކުރައްވާފައި ވަނީ 1992 ވަނަ އަހަރު އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބަކިންގހަމް އިންނެވެ. އަދި، 1994 ވަނަ އަހަރު، ސްކޮޓްލޭންޑްގެ ޔުނިވަރސިޓީ އޮފް ގްލެސްގޯ އިން މާސްޓަރ އޮފް ފިލޯސޮފީ ޙާޞިލްކުރައްވާފައިވެއެވެ.

ގާނޫނުއަސާސީގެ ދަށުން އެކުލަވައިލި ދާއިމީ ސުޕްރީމް ކޯޓުގެ ބެންޗަށް އުއްތަމަ ފަނޑިޔާރު މުއުތަސިމް އައްޔަންކުރެއްވީ 10 އޮގަސްޓު 2010 ގައެވެ. އެ މަނިކުފާނު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި 2014 ވަނަ އަހަރާ ހަމައަށް މަސައްކަތް ކުރައްވައިފައެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމުން އެ މަނިކުފާނު ވަކިކުރެއްވީ ވެސް 2014 ވަނަ އަހަރުގައެވެ.

ނަމަވެސް 2019 ވަނަ އަހަރު، އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް އެ މަނިކުފާނުގެ ނަންފުޅު އެއިރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުށަހެޅުއްވިއެވެ. އެ މަނިކުފާނު އުއްތަމަ ފަނޑިޔާރުގެ މަގާމުގެ ހުވައި ކުރެއްވީ 2019 ޑިސެމްބަރު 8 ގައެވެ.

އެ މަނިކުފާނު ވަނީ 1994 އިން 2001 ގެ ނިޔަލަށް ފޮރިން މިނިސްޓްރީގެ ލީގަލް ސެކްޝަނުގެ ޑިރެކްޓަރުގެ މަގާމު އަދާކުރައްވައިފައެވެ. އަދި 2001 އިން 2005 ވަނަ އަހަރުގެ ނިޔަލަށް މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަން (މިހާރު ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ) ގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގެ ޑީން އެއްގެ ގޮތުގައި މަސައްކަތް ކުރެއްވައިފައެވެ. މީގެ އިތުރުން 2005 އިން 2010 ވަނަ އަހަރުގެ ނިޔަލަށް އެ މަނިކުފާނު މަސައްކަތްކުރައްވާފައިވަނީ ލޯ ފާމެއް ކަމަށްވާ ކްލިޕާ އެންޑް ގެލިއޮން ލޯ އެސޯސިއޭޓްސްގެ ޕާޓްނަރެއްގެ ގޮތުގައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *