އުއްތަމަ ފަނޑިޔާރުގެ މަގާމަށް ވަޑައިގަތްތާ ހަ އަހަރު ފަހުން، ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން މިއަދު ރިޓަޔާކުރައްވައިފިއެވެ.
މުއުތަސިމް ރިޓަޔާ ކުރައްވަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހެޅުއްވީ މިދިޔަ މެއި މަހުގެ އަށް ވަނަ ދުވަހެވެ.
ޖޭއެސްސީން މިއަދު ބުނީ ފަނޑިޔާރުންގެ ރިޓަޔާމަންޓް ގަވާއިދުގެ ދަށުން އުއްތަމަ ފަނޑިޔާރު މުއުތަސިމް މިއަދުން ފެށިގެން ފަނޑިޔާރުކަމުން ޝަރަފުވެރިކަމާއެކު ރިޓަޔާކޮށްދިނުމަށް އެ ކޮމިޝަނުން ނިންމައިފައިވާ ކަމަށެވެ.
މުއުތަސިމް ވަނީ އުއްތަމަ ފަނޑިޔާރުގެ ހައިސިއްޔަތުންނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން ނުވަ އަހަރާއި ހަތް މަހާއި 12 ދުވަހު ޝަރުޢީ ދާއިރާއަށް ޚިދުމަތް ކުރައްވާފައެވެ.
މިއީ ސުޕްރީމް ކޯޓުގައި މުއުތަސިމް ހިދުމަތް ކުރެއްވި ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ހިދުމަތް ކުރެއްވީ 10 އޮގަސްޓު 2010 އިން 2014 ވަނަ އަހަރުގެ ނިޔަލަށެވެ. ދެވަނަ ފަހަރަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ވެވަޑައިގެން އުއްތަމަ ފަނޑިޔާރުގެ ހުވާ މުއުތަސިމް ކުރެއްވީ 8 ޑިސެމްބަރު 2019 ގައެވެ.
އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާ ކުރެއްވުމާއެކު، އެ މަނިކުފާނު ވެވަޑައިގަންނަވާނީ ރާއްޖޭގައި ޝަރަފްވެރިކަމާ އެކު މަގާމުން ރިޓަޔާ ކުރައްވާ ފުރަތަމަ އުއްތަމަ ފަނޑިޔާރަށެވެ.
